މަހުގެ އަގު މިހާރު ހުރިވަރަށްވުރެ ދަށް ނުކޮށް މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަކީ އަމާޒެއް ކަމަށް މިފްކޯގެ ސިއީއޯގެ މުހައްމަދު އަނަސް ވިދާޅުވެއްޖެއެވެ. މިފްކޯގެ ސީއީއޯގެ މަޤާމަށް އެންމެ ފަހުން އައްޔަން ކުރެވުނު އަނަސް ވިދާޅުވީ މިފްކޯގެ ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ދައުލަތުގެ މަސްކުންފުނި މިފްކޯއަކީ މަހުގެ އުފެއްދުންތައް އެކްސްޕޯޓްކޮށް ރާއްޖެއަށް ބޭރުފައިސާ ގެންނަ މަދު ސިނާޢަތްތަކުގެ ތެރެއިން މަސްވެރިކަމުގައި ހަރަކާތްތެރިވާ ކުންފުންޏެވެ. މަސްވެރިން އަތުން މަސް ގަންނަ އަގަށް ބަދަލު ނުގެނެސް ހިންގުން ހަރުދަނާ ކުރާނެކަމަށް މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް ވިދާޅުވެފައިވަނީ ކަނޑުއޮތްގިރީގެ އައިސްޕްލާންޓު އަދި މަސް ކާރުޚާނާ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު މިފްކޯގެ މުސަތަޤުބަލާއި ގުޅޭގޮތުން މީޑިއާތަކާއި ވާހަކަ ދައްކަވަމުންނެވެ.
މިފްކޯގެ ސީއީއޯ އަނަސް ވިދާޅުވީ ސަރުކާރަށް ބަރޯސާނުވެ ކުންފުނި އަމިއްލަ ފައިމައްޗަށް ތެދުވެ ހިންގުމުގެ ޤާބިލްކަން ޤާއިމްކުރުމަށް މަސައްކަތްކުރާ ކަމަށެވެ. މިމަސައްކަތުގެ ތެރެއިން އޮޕަރޭޝަނަލް އެކްސެލެންސް ގެނެވޭ ގޮތަށް މަސްގަތުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ އޮޕަރޭޝަނަލް އެކްސެލެންސް ގެނެވޭނެ ގޮތްތަކަށް އަޅުގަނޑުމެން މަސްގަތުން. އަޅުގަނޑުމެން އެންމެ ކޮސްޓް އިފެކްޓިވްކޮށް އޮޕަރޭޝަންސް ރާވާ، އަދި ޚާއްސަކޮށް މިހާރު މަހުގެ އަގު އެހެރި 20ރ. އަގުގައި ހިފަހައްޓާ އެ ލެވެލްގައި މަހުގެ އަގު ހިފަހައްޓާ، އޮޕަރޭޝަނަލީ އަޅުގަނޑުމެން ސްޓްރެޓެޖިކަލީ އިމްޕްރޫވް ކޮށްގެން މަސްވެރިންނަށް ހަމަ އަގު ލިބޭނެ ގޮތަށް މިފްކޯގެ ހިންގުން ހަރުދަނާ ކުރުން. " މިފްކޯގެ ސީއީއޯ އަނަސް ވިދާޅުވިއެވެ.
މިފްކޯގެ އޮޕަރޭޝަން ފުޅާކޮށް މަސްވެރިން އަތުން މަސްގަންނަ އަގަށް މިފްކޯއިން ބަދަލު ގެނައީ މިދިޔަ ޖޫން މަހުގެ ކުރީކޮޅުގައެވެ. އެގޮތުން މަސްވެރިން އަތުން މަސްގަންނަ އަގު 20ރ. އަށް ބަދަލުކޮށް މިފްކޯގެ ހުރިހާ އުޅަނދަކާއި ބަނދަރަކުން ކިލޯއަކަށް 20ރ. މަގުން މަސް ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މަހުގެ އަގު ކަނޑައެޅުމުގައި މިފްކޯއިން ވަނީ ފްލޯޓިން ޕްރައިސް މިންގަނޑެއް ގެންގުޅުމަށް ނިންމާފައެވެ. އެއީ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކަށް ބަލައި އަގު ކަނޑައެޅުމެވެ. ދާދި ފަހުން އިނގިރޭސިވިލާތުން ދިވެހި މަހުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ކަނޑާލުމަށް ނިންމާފައި ވުމާއެކު ރާއްޖެއިން ކަނޑުމަހުގެ އުފެއްދުންތައް ބޭރުކުރާ އެންމެ ބޮޑު މާކެޓުން ފަހިވި ފުރުސަތާއެކު މަހުގެ އަގަށް މިފްކޯއިން ވަނީ ބަދަލު ގެނެސްފައެވެ.