މީޑިއާ ވިލެޖުގެ އަމަލީ މަސައްކަތް މިމަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެވެ.
އެޗްޑީސީން ވިދާޅުވީ މިހާރުކުރިޔަށްދަނީ މީޑިއާ ވިލެޖު ނިންމުމުގެ އެންމެފަހުގެ މަސައްކަތްތައްކަމަށެވެ.
އެޗްޑީސީން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިހާރު ކުރިޔަށްދަނީ ފާރުތަކުގައި ކުލަލުމާ އޮފީސް ޕާޓްޝަންތައް ޖެހުމާއި ސީލިންގްގެ މަސައްކަތްތަކާއި އަދިވެސް އިމާރާތުގައި ނުނިމިހުރި ކުދިކުދި މަސައްކަތްތައް ކަމަށެވެ. އަދި އަމާޒަކީ މިމަހުގެ 31 ވަނަ ދުވަހަށް ހުރިހާ މަސައްކަތެއް ނިންމުންކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
ހުޅުމާލެ ފޭސް އެކެއްގައި ހުންނަ "މެންހެޓަން ގްރޭންޑް ހޮޓެލް"ގެ ގްރައުންޑް ފްލޯގައި ތަރައްގީކުރަމުންދާ މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނެއެވެ. އަދި މިތަން ނިމި މީޑިއާތަކަށް ބޭނުން ހިފުމުގެ ފުރުޞަތު މި އަހަރުގެ މެދު ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުވަނީ ވިދާޅުވެފައެވެ.
އަމިއްލަ އިމާރާތްތަކުން ބޮޑު ކުލީގައި ޖާގަ ހޯދަންޖެހުމުން މީޑިއާތަކަށް ކުރިމަތިވާ މާލީ ބުރަ ކުޑަކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މީޑިއާތަކަށް ލިބޭ އާމްދަނީ އެ ދާއިރާގެ ތަރައްޤީއަށް ހޭދަކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އަލަށް ބިނާކުރާ މިއިމާރާތުން ހެޔޮ އަގުގައި އޮފީހާއި ސްޓޫޑިއޯ ޖާގަ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.