މަސްވެރިން ބާނާ ފަރުމަހުގެ ބާވަތްތައް ރިސޯޓުތަކަށް ސީދާ ވިއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިކަން ޕްރޮމޯޓް ކުރުމަށް އުފެއްދި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން އެމްފޯމްޕީސީން ރާއްޖޭގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރުފުކޮށް، އެ ތަކެތި ޕްރިމިއަމް އުފެއްދުންތަކެއްގެ ގޮތުގައި ޤައުމީ އަދި ބައިނަލްއަގުވާމީ މާރކެޓްތަކަށް ނެރުމާއި އުފެއްދުންތަކަށް އައު މާރކެޓްތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މަޢުރޫފް ޛާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މަސްވެރިކަމާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިންނަށް، ވަކިން ހާއްސަކޮށް މާލެ ސަރަހައްދާއި ރިސޯޓުތައް ގިނަ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ރިސޯޓުތަކަށް މަސް ވިއްކުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ އަބަދުވެސް ލިބެމުންދާ ކަމަށެވެ. މިކަމަށް ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ އެބައޮތް މަހުގެ ބާވަތްތައް ޕްރޮމޯޓުކުރުމަށްޓަކައި ކުންފުންޏެއް ހާއްސަކޮށްދެއްވާފައި. އެ ކުންފުނީގެ ބޭނުމަކީ ދިވެހި މަސްވެރިން ބާނާ މަސް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޕްރޮމޯޓްކޮށް، މަސްވެރިންނަށް އެ މަސް ވިއްކޭނެ ގޮތްތަކެއް ހޯދައިދިނުން، އެގޮތުން ދިވެހިރާއްޖޭގެ އެތެރޭގެއާއި ބޭރުގައި މިކުރެވޭ މަސައްކަތްތަކުގެ އެއް ބައެއް އެ ވިދާޅުވީ، ދިވެހިރާއްޖޭގެ ރިސޯޓުތަކާއެކު ޕްރޮމޯޝަން ކުންފުނިން އެބަ މަސައްކަތްތަކެއް ކުރޭ." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ބައެއް ސަރަހައްދުތަކުގެ ރިސޯޓުތަކަށް މަސް ވިއްކޭނެ އިންތިޒާމުތައް މަސްވެރިކަން ޕްރޮމޯޓް ކުރުމަށް އުފެއްދި ކުންފުނިން މިހާރުވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ، މިކަމަށް އަދިވެސް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށެވެ. އެދި މަސްވެރިކަން ޕްރޮމޯޓް ކުރާ ކުންފުނިން ބައިނަލްއަގިވާމީ ބާޒާރުގެ އިތުރުން ދިވެހި ބާޒާރަށްވެސް މަސްވެރިން ބާނާ މަސް ފަސޭހައިން ވިއްކޭނެ މަގު ފަހިކޮށްދިނުން އިތުރު މަސައްކަތްތަކެއްވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ކަންނެލި މަސްވެރިންނަށް ހުރި ދަތިތަކަށް އިޝާރާތްކުރައްވާ ވަޒީރު ޝިޔާމް ވިދާޅުވީ، ހުޅުމާލޭގައި 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދުކުރާ ކާރުހާނާއެއް ގާއިމުކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގެ ތެރޭގައި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި މަޝްރޫއަކީ ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި މި ފެކްޓްރީގެ މަސައްކަތް ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މިފްކޯއިން ކަންނެލި ގަތުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކޮށް، މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަންވެސް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވިއެވެ.
ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރާ މިފްކޯގެ ފެސިލިޓީ ތަރައްޤީކުރަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު، އައިއެސްޑީބީ އާއި ދިވެހި ސަރުކާރު ގުޅިގެނެވެ. މި ފެސިލިޓީއަކީ މީގެކުރިން ކަނޑުއޮތްގިރީގައި ޤާއިމްކުރުމަށް ހަމަޖެހިފައި އޮތް ކާރުހާނާއެއްނަމަވެސް، ހުޅުމާލެއިން ބިމެއް ހަމަޖެހުމުން ސަރުކާރުން ވަނީ މި ކާރުހާނާ ހުޅުމާލޭގައި ތަރައްްޤީކުރުމަށް ނިންމަވާފައެވެ. މި ފެސިލިޓީ ތަރައްޤީކުރުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު، އައިއެސްޑީބީން ވަނީ ލޯނު އެހީއެއް ހަމަޖައްސާފައެވެ.