"އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ.
އައްޑޫ ހަންކެޑެ ތަރައްޤީ ކުރުމަށް ކުންފުންޏެއް އެމަނިކުފާނު އުފައްދަވާފައިވަނީ، ކުންފުނީގެ ޤާނޫނުގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް "އައްޑުއަތޮޅު ހަންކެޑެ" ތަރައްޤީކޮށް، އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމާއެކު، ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ އަތޮޅުގެ ބައިވެރިވުން އިތުރުކޮށް މި މަޝްރޫޢުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިޤްތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަކީވެސް ކުންފުނި އުފެއްދެވުމުގެ މަޤްޞަދެއް ކަމަށް ސަރުކާރުން ވިދާޅުވިއެވެ.
އައްޑޫ ހަންކެޑެ ތަރައްޤީ ކުރުމަށް މީގެ ކުރިންވެސް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައިވެއެވެ. އެގޮތުން ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، ހަންކެޑެ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް 2021 ވަނަ އަހަރު އޭރު ހަވާލުކުރިއެވެ. ނަމަވެސް އެ މަޝްރޫޢު އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދުވުމަށް ހަންކެޑެ ތަރައްޤީ ކުރުމަށް ފަތުރުވެރިކަމުގެ އައު މަޝްރޫޢުއެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.