ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީއިން އަންގައިފިއެވެ.
ޕީސީބީގެ ރައީސް މުޙައްމަދު ނިޒާރު ސޮއިކޮށް ނެރުއްވި ސަރކިއުލާގައި ތިން މަސްދުވަހުގެ މުއްދަތެއް ދީފައިވަނީ، މިމަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.
މި ނިންމުމަކީ، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ޕީސީބީއަށް ދީފައިވާ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. މާލީ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިއީ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި، އިންސާނީ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށް އަޅާ ފިޔަވަޅެކެވެ. މީގެ އިތުރުން، ވަޒީފާއަށް މީހުން ނެގުމުގައި ތަޢުލީމާއި ހުނަރަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު މިހާރަށްވުރެ ހަރުދަނާ ކުރުމަށްވެސް މާލީ ވުޒާރާއިން މީގެކުރިން އަންގާފައިވެއެވެ.
މުވައްޒަފުންގެ އަދަދު މަދުކުރުމަށް ބައެއް ކުންފުނިތަކުން މިހާރުވެސް ވަނީ، ފިޔަވަޅުތައް އަޅަން ފަށާފައެވެ. މި ފިޔަވަޅުތަކުގެ ދަށުން އެޗްޑީސީއާއި، ފެނަކަ ފަދަ ކުންފުނިތަކުން ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ތިން މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ޕީސީބީން ވިދާޅުވި ގޮތުގައި މި ބަދަލުގެ ބޭނުމަކީ، ކުންފުނިތަކުގެ ސައިޒާއި އެ ކުންފުންޏެއްގެ މަސައްކަތާ އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމެވެ.
ކުންފުނިތަކުން މި އިރުޝާދުތަކަށް އަމަލުކުރާ މިންވަރު ޕީސީބީން ގާތުން މޮނިޓަރ ކުރަމުންދާނެ ކަމަށްވެސް މި ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދަށް އަންނަ ބަދަލުތައް ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ޕީސީބީއަށް ފޮނުވަން ވަނީ އަންގާފައެވެ. އަދި ކުންފުނިތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މިވަގުތު މި ފިޔަވަޅުތައް އެޅުން ކޮންމެހެން މުހިންމު ކަމަށްވެސް ޕީސީބީން ވިދާޅުވިއެވެ.
ޚަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައު މުވައްޒަފުން ނެގުމާއި، މަޤާމުގެ ކުރިއެރުން ދިނުން ހުއްޓާލުމާއި، އިތުރުގަޑީގެ މަސައްކަތް ހަނިކުރުމުގެ އިތުރުން، ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތަކާއި ދަތުރުފަތުރުގެ ޚަރަދުތައް ކުޑަކުރުންވެސް ހިމެނެއެވެ. ޕީސީބީން ދަނީ، މި ހުރިހާ ކަމެއް ތަންފީޒުވަމުންދާ ގޮތުގެ އަދާހަމަ މަޢުލޫމާތު ޤަވާއިދުން މާލީ ވުޒާރާއާ ހިއްސާ ކުރަމުންނެވެ.