ޚަބަރު

ބްރިޖުގައި ނުރައްކާތެރިކޮށް ދުއްވި 3 ސައިކަލެއް 30 ދުވަހަށް ޓޯކޮށްފި


  • ބާރު ސްޕީޑުގައި ސައިކަލުތަކެއް ދުއްވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާންމުވެފައި

ސިނަމާލެ ބްރިޖުގައި ނުރައްކާތެރި ދުއްވި 3 ސައިކަލެއް ދިވެހި ފުލުހުންގެ ޚިދުމަތުން ޓޯކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯތަކުން ސައިކަލުތަކެއްގައި ގަވާއިދާ ޚިލާފަށް ބަޔަކު ދުއްވާ މަންޒަރުތައް ފެނެއެވެ. އެގޮތުން، ބާރު ސްޕީޑުގައި ދުއްވުމުގެ އިތުރުން ސައިކަލުގައި އޮށޯވެ އޮވެގެން ދުއްވާ މަންޒަރުތައް އެ ވީޑިއޯތަކުން ފެނެއެވެ.

މި މައްސަލައާ ގުޅިގެން ގަވާއިދާ ޚިލާފަށް ދުއްވި 3 ސައިކަލެއް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ސިނަމާލެ ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ގަވާއިދާ ހިލާފުވެފައިވާ ކަމަށެވެ. އެހެންވެ މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް އެ ސައިކަލުތައް ޓޯކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ސައިކަލުތައް ޓޯ ކުރުމުގެ އިތުރުން 3 މީހަކަށް ފުލުހުން ވަނީ ފިޔަވަޅުވެސް އަޅާފައެވެ. އެގޮތުން، އުޅަނދު ދުއްވި ފަރާތްތަކުގެ ތެރެއިން ދެ މީހަކު 2,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން އެކަކު 4,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖުގައި ދުއްވޭނެ އެންމެ ބާރު މިނެއް ކަމަށް ކަނޑައަޅާފައިވަނީ ގަޑިއަކު 50 މޭލެވެ. އަދި ސައިކަލު ދުއްވާ މީހާ އާއި ފަހަތުގައި އިންނަ މީހާވެސް ހެލްމެޓު އެޅުމަކީ މަޖުބޫރު ކަމެކެވެ.