ޚަބަރު

ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމަށް ކުލަބުތަކުން ފާސްކޮށްފި


  • ރާއްޖޭގެ ހަތަރު ސަރަހައްދުގައި ރީޖަނަލް އެސޯސިއޭޝަން އުފެއްދުމަށް ވަނީ ނިންމާފައި

  • އަންހެން ފުޓުބޯޅައިގެ ޑިވެލޮޕްމަންޓް ޕްލޭން ވެސް ވަނީ ފާސްކޮށްފައި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގާ ކޮމެޓީ އިން ނިންމާފައިވާ ގޮތައް ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމަށް އެ އެސޯސިއޭޝަންގެ މެމްބަރު ކުލަބްތަކުން ފާސްކޮށްފިއެވެ.

ހޮނިހިރު ދުވަހުގެރޭ ހ. މީރުމާގައި ބޭއްވި އެ އެސޯސިއޭޝަންގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި މައިގަނޑު ދެ ކަމެއް ވަނީ ފާސްކޮށްފައެވެ. އެއީ ރީޖަނަލް އެސޯސިއޭޝަން އުފެއްދުމުގެ އިތުރުން އަންހެން ފުޓުބޯޅަ ތަރައްގީ ކުރުމަށް އެކުލަވާލި ހަތަރު އަހަރުގެ ޕްލޭން ފާސްކުރުމެވެ.

އެފްއޭއެމަށް ފެޑަރޭޝަން ހެދުމަށް ކުޅިވަރު ގާނޫނުންވެސް ފަހިވެއެވެ. އެ ގާނޫނުގެ ދަށުން ފަހިވެފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް އެފްއޭއެމުން ވަނީ މަސައްކަތް ވެސް ފަށާފައެވެ. އެގޮތުން ހިންގާ ކޮމެޓީން ނިންމި ނިންމުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އިން ފާސްވުމުން އެފްއޭއެމް އިން މިހާރު އަމާޒު ހިފާފައިވަނީ ސަރަހައްދީ ހަތަރު އެސޯސިއޭޝަނެއް އުފެއްދުމަށެވެ.

އެފްއޭއެމުން ސަރަހައްދީ އެސޯސިއޭޝަންތައް ހަދާނީ، މިހާރު ވެސް ފުޓުބޯޅަ މުބާރާތްތައް ހަތަރު ސަރަހައްދައް ބަހާލައިގެން ކުރިއަށްގެންދާ ފޯމެޓަށެވެ.

އެއީ ނޯތު ރީޖަންގެ ހަތް އަތޮޅު ކަމަށްވާ ހއ، ހދ، ށ، ނ، ރ، ބ އަދި ޅ އަތޮޅެވެ.

ސެންޓްރަލް ރީޖަންގައި ހިމެނޭނީ ކ، އއ، އދ، ވ، މ، ފ އަދި ދ އަަތޮޅެވެ.

ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ އަތޮޅު ހިމެނެ އެވެ.

މާލެ ރީޖަންގައި ވެސް ރީޖަނަލް އެސޯސިއޭޝަނެއް އުފެދިގެން ދާނެއެވެ. މާލެ ރީޖަން އަކީ މާލެ، ވިލިމާލެ އަދި ހުޅުމާލެ އަށް ހާއްސަ ރީޖަންއެވެ.

މީގެ އިތުރުން ވެސް އެފްއޭއެމްގެ އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ވަނީ ފާސްކޮށްފަ އެވެ.