ޚަބަރު

ޤައުމީ ޓީޓީ ޓީމަށް ނައިޖީރިއާ ކޯޗެއް


  • ޤައުމީ ޓީޓީ ޓީމުގެ އައު ކޯޗަކީ ނައިޖީރިއާގެ އޮމިނިޔި އަޑެޑޮޓުން

  • ކޯޗިންގެ ދާއިރާގައި އޭނާ އުޅޭތާ 17 އަހަރުވެއްޖެ

  • އެފްރިކާގެ ޒުވާން ކުޅުންތެރިންގެ ތެރެއިން އެއްވަނަ ކުޅުންތެރިޔަކީ އަޑެޑޮޓުން އިރުޝާދުދިން ކުޅުންތެރިއެއް

ޤައުމީ ޓޭބަލް ޓެނިސް ޓީމަށް ތަޖުރިބާކާރު ކޯޗެއް ހަމަޖައްސައިފިއެވެ.

ޤައުމީ ޓީޓީ ޓީމަށް ހަމަޖައްސާފައިވާ ކޯޗަކީ ނައިޖީރިއާގެ 47 އަހަރުގެ އޮމިނިޔި އަޑެޑޮޓުންއެވެ. އޭނާއަކީ އައިޓީޓީއެފް ލެވެލް 2 ކޯޗިން ސެޓްފިކެޓާއި އެފްރިކަން ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ސެޓްފިކެޓްގެ އިތުރުން އައިޓީޓީއެފް މެންޓަރޝިޕް ހާސިލްކޮށްފައިވާ ކޯޗެކެވެ.

2009 ވަނަ އަހަރުން ފެށިގެން ކޯޗިންގެ ދާއިރާގައި ގިނަގުނަ ކާމިޔާބީތައް ހޯދައިދީފައިވާ އަޑެޑޮޓުންވަނީ ޖަރުމަނުގެ ޓީމަކާއެކުވެސް މަސައްކަތްކޮށްފައެވެ. ނައިޖީރީއާގެ ޤައުމީ ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށް އޭނާވަނީ އެޓީމު ކޮމަންވެލްތު ގޭމްސް، ޕެރިސް އޮލިމްޕިކްސް، އެފްރިކަން ޗެންޕިއަންޝިޕްގެ އިތުރުން ވޯލްޑް ޓޭބަލްޓެނިސް ޗެންޕިއަންޝިޕަށް ގެންގޮސްދީފައެވެ.

އަޑެޑޮޓުންގެ އިރުޝާދުގެ ދަށުން ތަމްރީނުވި އެތައް ކުޅުންތެރިންނެއް އައިޓީޓީއެފް ބެސްޓް ރޭންކިންގެ އެކި ވަނަތަކަށް އަރާފައިވާއިރު، އެފްރިކާގެ ޒުވާން ކުޅުންތެރިންގެ ތެރެއިން އެއްވަނަ ކުޅުންތެރިޔަކީވެސް އޭނާ އިރުޝާދުދީފައިވާ ކުޅުންތެރިއެކެވެ.

ބިދޭސީ އައު ކޯޗު ރާއްޖެ އައުމަށްފަހު މިހާރުވަނީ ގައުމީ ޓީޓީ ޓީމާއެކު ފަރިތަކުރުންތައް ފަށާފައެވެ. އެގޮތުން ކޯޗާއެކު ކުރިއަށްދިޔަ ފުރަތަމަ ފަރިތަކުރުންތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ކޯޗް ބުނީ ރާއްޖޭގެ ކުޅުންތެރިންނަކީ ކުރިއެރުވިދާނެ ކުޅުންތެރިންތަކެއް ގަބޫލުކުރާކަމަށެވެ. ރާއްޖޭގެ އެތްލީޓުންނަކީ ހުނަރުވެރި ބައެއްކަން ފުރަތަމަ ޕްރެކްޓިހުންވެސް ފާހަގަވިކަމަށް އޭނާ ބުންޏެވެ.

"ވަރަށް ހުނަރުވެރި ކުދިން ފާހަގަވެއްޖެ. މިއީ މުސްތަގުބަލު އޮތް ކުރިއަށް ދެވިދާނެ ކުދިބައެއް" ކޯޗް ބުންޏެވެ.

ހެޑް ކޯޗުގެ ހައިސިއްޔަތުން އޭނާ މަސައްކަތްކުރާނީ ޤައުމީ ޓީމުގެ ކުޅުންތެރިން މިހާރު ތިބި ލެވެލްއިން އިތުރަށް މައްޗަށް ޖައްސާލުމަށްކަމަށް އޭނާ ބުންޏެވެ. އަދި އަމާޒަކީ މިކުދިންނަކީ މުސްތަގުބަލުގައި މަތީ ވަނަތަކެއް ހޯދާނެ ކުދިންނަށް ހެދުންކަމަށް އޭނާ ފާހަގަކުރިއެވެ. އެގޮތުން ކުރާ މަސައްކަތުގެ ތެރެއިން ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގްވާމީ މެޗު ތަޖުރިބާތައް ހޯދައިދިނުމަށް އޭނާ ވިސްނާފައިވާކަމަށް ބުންޏެވެ.

"އަހަރެންގެ އަމާޒަކީ މިކުދިން އިތުރަށް ތަރައްޤީކުރުން. ޓީޓީ ހޯލުން ނެރެ، ޕޯޑިއަމް ފިނިޝްއަކަށް ދެވޭވަރަށް މަސައްކަތްކޮށްދިނުން. ވާދަވެރި ގިނަ މެޗުތަކެއް އެކި ގައުމުތަކާއެކު ކުޅެލުމުގެ ފުރުސަތު މިކުދިންނަށް ހޯދައިދިނުމަކީވެސް އަހަރެންގެ ގޯލެއް" ކޯޗް ބުންޏެވެ.

ޤައުމީ ޓީޓީ ޓީމަށް ކުރިން އިރުޝާދުދީފައިވަނީ އީރާންގެ ކޯޗެކެވެ. އެކޯޗު ރާއްޖެ ދޫކޮށްގޮސްފައިވަނީ އެމެރިކާ އަދި އީރާން ހަނގުރާމަފެށުމާ ގުޅިގެންނެވެ. އެޔަށްފަހު ޤައުމީ ޓީމަށް ދާއިމީ ކޯޗެއް ހަމަޖެއްސި މިއީ ފުރަތަމަ ފަހަރެވެ.

ސީނިއާ ޤައުމީ ޓީޓީ ޓީމު މިވަގުތު ވީ އިންޑިއާގެ ދިއްލީގައި ކުރިއަށްދާ 22 ވަނަ ކޮމަންވެލްތު ޓީޓީ ޗެންޕިއަންޝިޕުގައި ވާދަކުރުމަށް ގޮހެވެ. އެ މުބާރާތުގައި ރާއްޖެއިން ވާދަކުރާ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ މުހައްމަދު ޝައްފާން އިސްމާއިލް، މޫސާ މުންސިފް އަހްމަދު، އަޚްޔާރް އަހްމަދު ޚާލިދް، މުހައްމަދު އާލް އިމްރާން، ފާތިމަތު ދީމާ ޢަލީ، ޢާއިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް، ޢާއިޝަތު އަލްސާ ނާފިޒްއެވެ.