ޚަބަރު

އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް


  • ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ކޮންމެ ބޭފުޅަކީވެސް މަތިވެރި ސިފަތަކެއް ހުރި ބޭފުޅުންތަކެއް

  • މިނިވަންކަމުގެ ހަގީގީ އިހުސާސް ކުރެވޭނީ އެކި ގޮތްގޮތުން ޤައުމަށް މިނިވަންކަން ލިބިގެން

ކޮންމެ ދިވެހި ރައްޔިތެއްގެވެސް އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް އެ މީހެއްގެ ކިބައިގައި ރިވެތި އާދަތައް އަށަގެންނެވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61ވަނަ މިނިވަންދުވަހާ ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ މި ޖަލްސާގައި ދައުލަތަށް ދިގު މުއްތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދޭން ނިންމަވާފައިވާ ސަބަބު ތަފްސީލުކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ކޮންމެ ބޭފުޅަކީވެސް މަތިވެރި ސިފަފުޅުތަކެއް ހުރި ބޭފުޅުންތަކެއް ކަމަށެވެ. އެގޮތުން، ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމާއި ވަފާތެރިކަމާއި މުރާލިކަމާއި އިޚްލާސްތެރިކަމުގެ އިތުރުން ކެތްތެރިކަމާއި ކަމަށް ކަމޭހިތުމުގެ މަތިވެރި ސިފަތައް އެެ ބޭފުޅުންގެ ފަރާތުން ފެނިފައިވާ ކަމަށާއި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް އެ ސިފަތައް ރައްޔިތުންގެ ކިބައިގައި އަށަގަނެވިފައި ހުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤައުމުގެ މިނިވަންކަން ގެއްލިދިޔަ ކޮންމެ ފަހަރަކު އެކަންވީ އެ ރިވެތި ސިފަތައް އަށަގެންފައި ނެތް ދިވެހީންތަކެއްގެ ސަބަބުން ކަމަށެވެ. އަދި މިނިވަންކަން އަނބުރާ ހޯދައިދެއްވި ކޮންމެ އަބުޠާލަކު ކުރެއްވި މަތިވެރި ޖިހާދުތަކުން ފެނިގެން ގޮސްފައިވަނީ މި ރިވެތި އާދަތައްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މި ހުރިހާ ކަމެއް ގުޅިލާމެހިގެންދާ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ މައިގަނޑު ބިންގާ ކަމުގައިވާ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާ އަޅުގަނޑުމެން މާދަރީބަސް، ދިވެހި ބަހާއި އަޅުގަނޑުމެންގެ މުއްސަނދި ސަގާފަތަކީ އެކަންކަން ދިރުވައި އާލާ ކުރުމުގެ އަޒުމް އަޅުގަނޑުމެން ކޮންމެ މީހެއްގެ ހިތުގައި އަށަގަނެ، އެކަންކަން ކުރުމުގައި އަމިއްލަ ނަފުސަށްވުރެ ޤައުމުު އިސްކޮށްގެން އެކުވެރިކަމާއެކުގައި އަޅުގަނޑު ކުރިން ދެންނެވި ސިފަތަކާއެކު މަސައްކަތް ކުރުމުގައި ކޮންމެ މީހަކު އަޒުމުކަނޑައަޅަންޖެހޭ ކަންކަންކަމުގައި އަޅުގަނޑު ހަނދާން އައުކޮށްދެން. އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަކީ ދިވެހީންގެ ހަގީގީ ރާއްޖެއެއްކަމުގައި ހެދޭނީ އަޅުގަނޑުމެން ކޮންމެ މީހަކު މިގޮތުގައި މަސައްކަތް ކުރަން ނިންމައިފިނަމަކަން ކަށަވަރު،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިނިވަންކަމުގެ ހަގީގީ އިހުސާސް ކުރެވޭނީ އެކި ގޮތްގޮތުން ޤައުމަށް މިނިވަންކަން ލިބިގެން ކަމަށެވެ. އެގޮތުން ސިޔާސީ ގޮތުން ލިބޭ މިނިވަން ކަމުގެ އިތުރުން ޚާރިޖީ ގޮތުންނާއި ދާޚިލީ ގޮތުން ލިބޭ މިނިވަންކަމާއި ޝަރުޢީ ދާއިރާ މިނިވަންވެފައި އޮތް މިންވަރާއި އިގްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ޤައުމަށް ލިބިފައިވާ މިނިވަންކަމަކީ ޤައުމުގެ މިނިވަންކަމާ ގުޅިފައިވާކަންތައްތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ޤައުމުގެ މިނިވަންކަން ދެމެހެއްޓެވުމަށް ޚާރިޖީ ސިޔާސަތުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން، އަދުގެ ސަރުކާރުން އަބަދުވެސް އިސްކަންދެއްވާނީ ޤައުމާއި ދިވެހި ރައްޔިތުންގެ މަސްލަހަތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.