ކޮންގޯގައި ފެތުރެމުންދާ އިބޯލާ ބަލިމަޑުކަމުގައި މަރުވި މީހުންގެ ޢަދަދު 1,354 އަށް އަރައި، ޙާލަތު ނުރައްކާތެރި މިންވަރަކަށް ގޯސްވެފައިވާ ކަމަށް އެ ޤައުމުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ އެންމެ ފަސް ދުވަހުގެ ތެރޭގައި މަރުވި މީހުންގެ ޢަދަދު 40 އިންސައްތައަށްވުރެ ބޮޑު އިތުރުވުމެކެވެ.
ސަރުކާރުން ހޮނިހިރު ދުވަހު އާންމުކުރި އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 3,075އަށް އަރާފައެވެ. މިއީ މިދިޔަ ހަފުތާއާ އަޅާބަލާއިރު 27 އިންސައްތައިގެ އިތުރުވުމެކެވެ. ބަލި ފެތުރޭ ދުވެއްޔާއި މަރުވާ މީހުންގެ ޢަދަދަށް ބަލާއިރު، މިއީ ތާރީޚުގައި މިހާތަނަށް ރެކޯޑުކުރެވުނު އެންމެ ނުރައްކާތެރި އަދި އެންމެ ހަލުވިކަމާއެކު ފެތުރޭ އިބޯލާގެ ރޯގާއެވެ.
މިފަހަރު ކޮންގޯއިން ފެނިފައިވަނީ އިބޯލާގެ ބާވަތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި، ނަމަވެސް މަދުން ނޫނީ ނުފެންނަ "ބުންޑިބުގްޔޯ" ވައްތަރެވެ.
އެފްރިކާ ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާގެ ސީޑީސީ) ގެ މުޝީރު އަބްދުއްސަލާމް ނާސިދީ ވިދާޅުވި ގޮތުގައި، މި ބައްޔަށް ކަނޑައެޅިފައިވާ ޚާއްޞަ ވެކްސިނެއް ނެތުމުން، ބަލި ދަނީ ޖަންގަލިތަކުގައި ރޯވާ އަލިފާންގަނޑު ފެތުރޭ ހަލުވިމިނުގައި ފެތުރެމުންނެވެ. މީގެ އިތުރުން، ބަލި ފެތުރެމުންދަނީ ދާޚިލީ ހަމަނުޖެހުންތައް ބޮޑު ސަރަޙައްދުތަކެއްގައި ކަމަށްވުމުން، ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
އުންމީދީ ކުރިއެރުމެއްގެ ގޮތުން، ޔުނިވަރސިޓީ އޮފް އޮކްސްފޯޑުން މިހާރު ވަނީ މި ބައްޔަށް ތައްޔާރުކުރި ވެކްސިނެއް އިންސާނުންނަށް ދީގެން ޓެސްޓުކުރަން ފަށާފައެވެ.
މީގެ ކުރިން 2013 އާއި 2016 އާ ދެމެދު ހުޅަނގު އެފްރިކާގައި ފެތުރުނު އިބޯލާ ހެޖިގެން 1,000 މީހުން މަރުވާން 8 މަސްދުވަސް ނެގި ނަމަވެސް، މިފަހަރުގެ ރޯގާގައި އެ ޢަދަދަށް މީހުން މަރުވީ އެންމެ 10 ހަފުތާގެ ތެރޭގައެވެ.
އެފްރިކާ ސީޑީސީގެ ޑިރެކްޓަރު ޖެނެރަލް ޖީން ކަސޭޔާ އިންޒާރު ދެއްވި ގޮތުގައި، މިހާރުން މިހާރަށް ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، މިއީ ދުނިޔެ މިހާތަނަށް ދެކޭނެ އެންމެ ބިރުވެރި ސިއްޙީ ކާރިޘާއަށް ވެގެންދާނެއެވެ.
ސިއްޙީ މާހިރުން ބުނާ ގޮތުގައި، ކޮންގޯގެ ސަރުކާރުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ނުދާތީ ސިއްޙީ މަސައްކަތްތެރިން ވެސް ތިބީ ނުހަނު ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.
މިގޮތުން، މިދިޔަ މެއި މަހުން ފެށިގެން 100 އަށްވުރެ ގިނަ ސިއްޙީ ޚިދުމަތްތެރިންނަށް ބަލިޖެހި، އޭގެ ތެރެއިން 35 މީހަކު ވަނީ މަރުވެފައެވެ.
މީގެއިތުރުން، ރައްކާތެރިކަމުގެ ސާމާނު މަދުވުމާއި، ބައެއް އާންމުން ބަލީގެ ނުރައްކަލާ މެދު ސުވާލު އުފައްދައި ހިންގާ ހަމަނުޖެހުންތަކުގެ ސަބަބުން މަސައްކަތަށް ވަނީ ހުރަސް އެޅިފައެވެ.
އަދި މުސާރައާއި އިނާޔަތްތައް ނުލިބުމުގެ ސަބަބުން ބައެއް މުހިންމު ހަސްފަތާލުތަކުގެ މުވައްޒަފުން ވަނީ މަސައްކަތް ހުއްޓާލައި، ހަޅުތާލުކުރަން ފަށާފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އިރުމަތީ ކޮންގޯގައިހިނގަމުންދާ ހަނގުރާމަވެރި ޢަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އެ ޖަމްޢިއްޔާއިން ބުނާ ގޮތުގައި، ހަމަނުޖެހުންތަކުގެ ސަބަބުން ބަލިޖެހޭ މީހުން ދެނެގަތުމަށާއި ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ދަނީ ކުރިމަތިވަމުންނެވެ.