ޚަބަރު

ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި


  • ޚިދުމަތްދެނީ އެރަށު ސީނާ އިމާރާތުގައި

  • ޕޯސްޓް ކުރުމާއި ޕާރުސަލް ނެގުމުގެ ޚިދުމަތް ލިބޭނެ

ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

މޯލްޑިވްސް ޕޯސްޓުން ވިދާޅުވީ، ކުޅުދުއްފުށި ސިޓީއަށް އަލަށް ތަޢާރަފްކުރި ޕިކްޕޯސްޓުގެ ޚިދުމަތާއެކު، ޕޯސްޓުގެ ޚިދުމަތްތައް އެރަށު ބަންޑާރަމަގު، ސީނާ ބލްޑިންގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މީގެ ސަބަބުން ކުޅުދުއްފުށި ސިޓީއިން ޕޯސްޓް ކުރުމާއި، ޕާރުސަލް ނެގުމާއި، ޕޯސްޓުގެ އެހެން ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ކުޅުއްދުއްފުށީގައި މިއަދު ތަޢާރަފު ކުރި ޕިކްޕޯސްޓުގެ ޚިދުމަތުގެ ސަބަބުން ޕާރުސަލް ނެގުމަށް ޚިދުމަތް ހޯދާ ފަރާތްތަކުން ކިއުގައި މަޑުކުރަން ނުޖެހޭނެއެވެ. އަދި ޕާރުސަލް ނެގުމަށް މޯލްޑިވްސް ޕޯސްޓުން ކުރާ މެސެޖުގައި ހިމެނޭ ވަގުތުތަކުގެ ތެރޭގައި އެފަރާތްތަކަށް ފަސޭހަ ކޮންމެ ވަގުތަކު ޕާރުސަލް ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށް ޕޯސްޓު އޮފީހުން ވިދާޅުވިއެވެ.

ޕޯސްޓު އޮފީހުން ވިދާޅުވީ، ކުރިއެކޭވެސް އެއްފަދައިން ކުޅުދުއްފުށި ސިޓީގެ ޕޯސްޓް އޮފީސް މެދުވެރިކޮށް އަތޮޅުތެރޭގެ ރަށްތަކަށާއި، ސިޓީތަކަށް ފޮނުވުމަށް ބޭނުންވާ ތަކެތި ނުވަތަ ޕާރުސަލް ޕޯސްޓު ކުރުމުގެ ޚިދުމަތާއި، ރާއްޖެއިން ބޭރު އެހެން ޤައުމުތަކަށް ޕޯސްޓު ކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

މީގެއިތުރުން ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތަކަށް ޚާއްސަ "ރަށު އޮންލައިން ފިހާރަ" ނުވަތަ "ކޮމިއުނިޓީ އޮންލައިން ޝޮޕް"ގައި ތަކެތި ވިއްކުމަށް ބޭނުންވާ އެހީތެރިކަމާއި ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން އެ ގަންނަ ފަރާތްތަކަށް ޕޯސްޓުގެ ނިޒާމް މެދުވެރިކޮށް ރައްދުކޮށްދިނުމުގެ ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މޯލްޑިވްސް ޕޯސްޓުން ވިދާޅުވީ، ޕޯސްޓުގެ އޮޕަރޭޝަނަލް އިންފްރާސްޓރަކްޗަރ ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ކުރާ މިފަދަ މަސައްކަތްތަކުގެ ސަބަބުން ލީޑިން ޓްރޭޑް ފެސިލިޓޭޓަރެއްގެ ގޮތުން މޯލްޑިވްސް ޕޯސްޓުން އަދާކުރަމުންދާ ރޯލް އިތުރަށް ފުޅާވެ، ޚިދުމަތްތައް ޒަމާނީކޮށް ރައްޔިތުންނާ ވީހާވެސް ގާތުން ދިނުމަށް ކުރާ މަސައްކަތްތައް އިތުރު ހަރުފަތަކަށް ކުރިއަށް ގެންދެވޭނެކަން ޔަގީންކުރެވޭ ކަމަށެވެ.