ޚަބަރު

ރަޝިޔާއަށް އެހީވާން އުތުރު ކޮރެޔާގެ 30،000 ސިފައިން ހަނގުރާމައަށް ނެރެނީ


ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި، ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ހަނގުރާމައިގައި ބައިވެރިވުމަށްޓަކައި އުތުރު ކޮރެއާގެ 30،000 ސިފައިން ގެނައުމަށް ރަޝިޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ ސިފައިންނަށް މަރުޙަބާ ކިޔުމުގެ ތައްޔާރީތައް މިހާރުވެސް ރަޝިޔާއިން ވަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދެގައުމުގެ ދެމެދުގައި ވެފައިވާ ދިފާއީ އެއްބަސްވުމެއްގެ ދަށުން، 2024 ވަނަ އަހަރު ރަޝިޔާގެ ކުރުސްކް ސަރަޙައްދަށް ޔޫކްރެއިން ސިފައިން ދިން ވަރުގަދަ ޙަމަލާތަކުން ދިފާއުވުމަށް އެހީތެރިވުމަށްޓަކައި، އުތުރު ކޮރެއާއިން އަންދާޒާކުރެވޭ ގޮތުގައި 14،000 ސިފައިން ވަނީ ރަޝިޔާއަށް ފޮނުވާފައެވެ.

ޒެލެންސްކީގެ ރޭގަނޑުގެ ޚިޠާބުގައި ވިދާޅުވީ، "ރަޝިޔާއާއި އުތުރު ކޮރެއާގެ ގުޅުން އަޅުގަނޑުމެންނަށް އެބަފެނޭ. ރަޝިޔާއިން ބޭނުންވަނީ އުތުރު ކޮރެއާގެ އިތުރު 30،000 ސިފައިން އެގައުމަށް ގެންނަން. އެމީހުން ބޭތިއްބުމަށްޓަކައި ރަޝިޔާގެ ވޮރޮނޭޒް ސަރަޙައްދުގައި ޖޫން މަހުން ފެށިގެން ދަނީ ތައްޔާރީތައް ވަމުން."

މީގެ އިތުރުން، ބެލިސްޓިކް މިސައިލް ފޮނުވާ އައު ލޯންޗަރުތަކެއް ރަޝިޔާއަށް ފޯރުކޮށްދިނުމަށްވެސް އުތުރު ކޮރެއާއިން ތައްޔާރުވަމުންދާ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

"މިއީ ހަމައެކަނި ޔޫކްރޭނަށް އޮތް ނުރައްކަލެއް ނޫން. ރަޝިޔާއިން ދަނީ އުތުރު ކޮރެއާއަށް ހަނގުރާމަކުރާނެ ގޮތާއި، ހަތިޔާރު ތަރައްގީކުރާނެ ގޮތް ދަސްކޮށްދީ، ހަނގުރާމައިގެ މައިދާނުގެ އަމަލީ ތަޖުރިބާ ހޯދައިދެމުން،" އޭނާ ވިދާޅުވިއެވެ.

"މިކަމުގެ ސަބަބުން އުތުރު ކޮރެއާގެ މިސައިލްތަކުގެ ރޭންޖުގައި ހިމެނޭ އޭޝިއާގެ ހުރިހާ ގައުމަކަށްވެސް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ."

ޒެލެންސްކީ ވަނީ މި ނުރައްކާތަކާ ދެކޮޅަށް ޔޫކްރެއިން ރައްދު ދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.