ޕީއެސްޖީގެ އެޓޭކިން މިޑްފީލްޑަރު ބްރެޑްލީ ބާކޯލާ އެ ނޫން ޓީމަކަށް ދާން ބޭނުންވާކަން ކުލަބަށް އަންގައިފި އެވެ.
ފްރާންސްގެ 23 އަހަރުގެ ކުޅުންތެރިޔާ މިކަން އޭނާގެ ކުލަބަށް އެންގީ އެ ކުލަބުން އޭނާގެ ކޮންޓްރެކްޓް އާކުރަން ކުރަމުންދިޔަ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދަން ނިންމުމަށްފަހު އެވެ. މީގެ ތިން އަހަރު ކުރިން ޕީއެސްޖީއާ ކުޅުނު ކުޅުންތެރިޔާ މިހާރު ބޭނުންވަނީ ކުޅޭނެ އެހެން ކުލަބެއް ހޯދާށެވެ.
އޭނާ ގަތުމަށް ފަސް ކުލަބަކުން ޝައުގުވެރިވެ އެވެ. އެއީ އިނގިރޭސިވިލާތުގެ ލިވަޕޫލާއި ޗެމްޕިއަން އާސެނަލް އާއި ޗެލްސީ އާއި ޖަރުމަނުގެ ބަޔާން މިއުނިކާއި ސްޕޭނުގެ ބާސެލޯނާ އެވެ. މީގެ ތެރެއިން އެންމެ ފުރުސަތު ބޮޑު ޓީމަކީ ލިވަޕޫލެވެ. ސަބަބަކީ ހުސްވި ސީޒަނުގައި ވެސް އެ ކުލަބުން އޭނާ ގަތުމަށް މަސައްަކަތް ކުރުމާއި ކުޅުންތެރިޔާ ވެސް ލިވަޕޫލަށް ކުޅެން ބޭނުންވާތީ އެވެ.
ނަމަވެސް އޭނާ ވިއްކަން ޕީއެސްޖީން ކިޔާ އަގަކީ އެއްވެސް ކުލަބަކަށް އެންމެ ކުޅުންތެރިއަކަށް ދޭން ފަސޭހަ އަދަދެއް ނޫނެވެ. އެއީ 170 މިލިއަން ޕައުންޑެވެ. މިއަގު ނުލިބޭނަމަ ޕީއެސްޖީ އޮތީ މި ސީޒަން ނިންމާފައި ހިލޭ ޓްރާންސްފާއެއްގައި އޭނާ ދޫކޮށްލަން ޖެހުނަސް ވަރިހަމަ ކަމަށެވެ.
ބާކޯލާ އަކީ ޕީއެސްޖީގެ މިހާރުގެ ކޯޗު ލުއިސް އެންރީކޭ މީގެ ތިން އަހަރު ކުރިން ޓީމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ގަތް ކުޅުންތެރިޔާ އެވެ. އެއީ ފްރާންސްގެ ލިއޯންގައި ހުއްޓައި 45 މިލިއަން ޔޫރޯ އަށެވެ. އޭނާގެ ވެސް އެހީއާއެކު ޕީއެސްޖީ ވަނީ މިދިޔަ ދެ ސީޒަނުގައި ޔޫރަޕުގެ ޗެމްޕިއަންކަން ހޯދައި ވިދިވިދިގެން ތިން ފަހަރު ފްރާންސް ލީގު ކާމިޔާބު ކޮށްފަ އެވެ.
ފްރާންސްގެ ނޫސްތަކުން ބުނާ ގޮތުގައި ބާކޯލާ ޕީއެސްޖީން ދާން ބޭނުންވަނީ އޭނާ އަށް ބަރާބަރަށް އެ ކުލަބުގެ ފުރަތަމަ 11އިން މިހާރު ޖާގަ ނުލިބޭތީ އެވެ. އެއީ ހުސްވި ސީޒަނުގައި ކްވީޗާ ކަވަރަސްކާލިޔާ ޓީމާ ގުޅުނު ފަހުން ގިނަ މެޗުތަކުގައި ބެންޗުގައި އިންނަން ޖެހޭތީ އެވެ.