ޚަބަރު

އައިވަރީ ކޯސްޓްގެ ޔާން ޑިއޮމޮންޑް ރެއާލް މެޑްރިޑަށް


ޖަރުމަނުގެ އާރުބީ ލެޕްޒިގް އަށް ކުޅެމުންދާ އައިވަރީ ކޯސްޓްގެ ޒުވާން ފޯވަޑް ޔާން ޑިއޮމޮންޑް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އައިވަރީ ކޯސްޓަށް އުފަން އުމުރުން 19 އަހަރުގެ ޑިއޮމޮންޑް ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފައިވާއިރު އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވަނީ ފްރާންސްގެ ޕީއެސްޖީ އިންނެވެ. އޭނާ ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފައިވާއިރު, އޭނާ ވެގެންދާނީ ރެއާލް މެޑްރިޑަށް ކުޅޭ އައިވަރީ ކޯސްޓްގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ޑިއޮމޮންޑް ރެއާލް މެޑްރިޑަށް ދޫކޮށްލަން ލެޕްޒިގް އިން އެއްބަސްވެފައިވަނީ 117 މިލިއަން އެމެރިކާ ޑޮލަރުގެ ފީ އަކަށެވެ. އަދި އަންނަ ހާފްތާގައި ޑިއޮމޮންޑް ސްޕެއިން އަށް ގޮސް އޭނާގެ މެޑިކަލް ހެދުމަށްފަހު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އެ ކްލަބާއިއެކު ސޮއި ކުރާނެއެވެ.

ނިމިގެންދިޔަ ވޯލްޑްކަޕްގައިވެސް އައިވަރީ ކޯސްޓަށް ކުޅެފައިވާ ޑިއޮމޮންޑް ވަނީ ނިމިގެންދިޔަ ސީޒަނުގައި ބުންޑެސްލީގާގައި 12 ލަނޑު ޖަހާފަ އެވެ.

ރެއާލް މެޑްރިޑް އިން ޑިއޮމޮންޑް ހޯދުމުގެ ރޭހުން ކުރި ހޯދާފައިވާއިރު އެ ކްލަބުގެ ފޯވަޑް ވިނިޝިއަސް ޖޫނިއާގެ މުސްތަގުބަލާއިމެދު ވަނީ ސުވާލު އުފެދިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އާސެނަލް އިން ވިނިޝިއަސް ޖޫނިއާ ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓްތައް ބުނެފައިވާއިރު, ރެއާލް މެޑްރިޑް އިން ބުނެފައިވާ ގޮތުގައި އޭނާ ވިއްކާލާނީ 182 މިލިއަން ޑޮލަރަށްވުރެ ބޮޑު އަގެއް ހުށައަޅާ ފަރާތަކަށެވެ.

ރެއާލް މެޑްރިޑް އާއިއެކު ވިނިޝިއަސް ޖޫނިއާ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްއިރު އައު އެގްރިމެންޓަކާއި ހަމައަށް ދިއުމަށް އަދި ދެ ފަރާތަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.