ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން، ރާއްޖެއަށް އިޖުތިމާޢީ ގޮތުން ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ސަރުކާރާ ހަވާލުވިއިރު ޤައުމުގައި ކަންކަން ހުރީ އެންމެ ރަނގަޅަކަށް ނޫން ކަމަށެވެ. އަދި މިއީ، އެތައް ޒަމާނެއް ވަންދެން މި ޤައުމު ގޮސްފައިވާ ހިސާބު ކަމަށާއި އެގޮތުން މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު މަރާމާރީގެ ކުށްތަކާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލަތައް ހައްލުކުރުމަށް ނަތީޖާ ނެރެދެވޭ މަސައްކަތެއް މާނަހުރި ގޮތެއްގައި މީގެކުރިން ކޮށްފައި ނެތްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މި މައްސަލަތަކަށް ނަތީޖާ ނެރެދެއްވާނެ ކަމަށެވެ. އެގޮތުން، ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނެވި އިސްލާހުތަކުގެ ސަބަބުން މިހާރުވެސް އެ މައްސަލަތަކަށް އެކަށީގެންވާ ހައްލުތަކެއް ލިބެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މި ސަރުކާރުގެ ދާޚިލީ ސިޔާސަތު އަޅުގަނޑުމެން ބަދަލުކުރީ، މި މައްސަލަތަކަށް ޙަޤީޤީ ޙައްލު ގެނައުމަށް. ޑްރަގް ޓްރެފިކިންގއަށް ބޮޑެތި އަދަބުތައް ކަނޑައަޅައި، ރާއްޖެއަށް ޑްރަގް އެތެރެކުރުން ހުއްޓުމަކަށް ގެނައުމަށްޓަކައި ފެށި މަސައްކަތްތަކާއި، ޤާނޫނަށް ގެނެވުނު އިޞްލާޙުތަކުގެ ތެރެއިން ތަންފީޒު ކުރެވެމުންދާ ކަންކަމާއި، ގޭންގްތައް އޮޕަރޭޓް ކުރުމާއި، ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއި، ތަންފީޒު ކުރެވެމުންދާ ކަންކަމާއި، ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށްޓަކައި އަޅުގަނޑުމެން ފަށާފައި އޮތް މަސައްކަތުން ކުރެވެމުންދާ ކަންކަމަށް ބަލާއިރުގައި، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އަޅުގަނޑުމެންގެ މި ޤައުމުގައި މިހިރަ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެވިގެންދާ ތަން،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޖުތިމާޢީ މައްސަލަތައް ހައްލު ކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުކުރައްވާނީ ނުގުޑާފަދަ ޢަޒުމެއްގައި ކަމަށެވެ. އަދި ދިވެހި ރައްޔިތުންނާއި މުއައްސަސާތަކާއި އެކުވެރި ޤައުމުތަކުގެ ފުރިހަމަ އެއްބާރުލުމާއެކު، ގުޅިގެން ކުރެވޭ މަސައްކަތުން މި މައްސަލަތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހަގީގީ މިނިވަންކަން އިޙްސާސްކުރުމަށް އިޖުތިމާޢީގޮތުން ދިމާވެފައިވާ މިފަދަ މައްސަލަތައް ހައްލުވުމަކީ މުހިންމު ކަމެއް ކަމަށެވެ.