ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަށު މާރުކޭޓު ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 20 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެއިދާރާއިން ހާމަކޮށްފިއެވެ.
މި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެއިދާރާ ހިމެނެހޭން އެކުލަވާލާފައިވާ ޓާސްކްފޯހުން ކުރިއަށް ގެންދިޔަ ރެއިޑެއްގެ ތެރެއިންނެވެ.
ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ސަރުކާރުން ވަނީ ފުލުހުންނާއި އިޤްޠިޞާދީ ވުޒާރާއާއި އިމްގިރޭޝަން ހިމެނޭހެން ކަމާއި ގުޅޭ މުޢައްސަސާތައް އެކުވެ، ޓާސްކްފޯހެއް އެކުލަވާލާފައެވެ. އެ ޓާސްކްފޯހުން ހުޅުމާލެ އެއްވަނަ ފިޔަވަހީގައި ހުންނަ ރަށު މާރުކޭޓަށް ވަނީ ރެއިޑް ކޮށްފައެވެ.
އެ ރެއިޑްގެ ތެރެއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ 55 ބިދޭސީއެއް ހުއްޓުވައި އިމިގްރޭޝަނުން ވަނީ އެމީހުން މަސައްކަތް ކުރަމުންދަނީ ޤަވާއިދާ އެއްގޮތަށްތޯ ބަލާފައެވެ. އިމިގްރޭޝަނުން ވިދާޅުވީ އެއިދާރާއިން ބެލި ބެލުމުގައި އެ ސަރަހައްދުގައި 20 ބިދޭސީއަކު ޤަވާއިދާ ޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. އިމިގްރޭޝަނުން ވަނީ ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ ހުރިހާ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
The Task Force conducted a raid at Hulhumalé Rashu Market yesterday, targeting illegally working expatriates.
— Maldives Immigration (@ImmigrationMV) July 29, 2026
A total of 55 expatriates were inspected, and 20 expatriates found in violation of immigration regulations were detained.@PoliceMv @HomeMinistrymv pic.twitter.com/6gAs8Pp6AN
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ބިދޭސީންގެ ވޯކް ޕާމިޓުތައް ބެލެހެއްޓުމާއި ޞައްޙަކަން ކަށަވަރު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ޞައްޙަ ވޯކް ޕާމިޓާއެކު ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދު އުޅެނީ 208،937އަށްވުރެ މަތީގައެވެ. މީގެ އިތުރުން 10 އިނގިލީގެ ނިޝާނާއި، ބަޔޯމެޓްރިކް ފޮޓޯ ނަގާފައިވާ މީހުންގެ އަދަދުވެސް ވަނީ 2 ލައްކައިން މައްޗަށް އަރާފައެވެ.
އިމިގްރޭޝަނުން ވަނީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ޚާއްސަ އޮންލައިން ޕްލެޓްފޯމެއް އިފްތިތާޙުކޮށްފައެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ އަވަހަށް ރިޕޯޓް ކުރުމަށް އިމިގްރޭޝަނުން ވަނީ، އިލްތިމާސް ކުރައްވާފައެވެ.
ސަރުކާރުން ވަނީ މިހާރު ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ޑިޕޯޓް ކުރުމުގެ މަސައްކަތް ފަށާފައެވެ.