ޚަބަރު

"ގޭންގު ކުށްތައް މަދުވެއްޖެ، ޒުވާނުންނަށް އުޖާލާ މުސްތަގުބަލެއް ހޯދައިދޭނަން"


  • ނަތީޖާ ފެންނާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވި

  • ރިހެބިލިޓޭޝަންގެ ނިޒާމު ފުޅާކުރަމުންދާ ކަމަށް ވިދާޅުވި

ސަރުކާރުން ފެއްޓެވި މަސައްކަތްތަކާއެކު ގޭންގު ކުށްތައް ވަނީ މަދުވެފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕީ.އެސް.އެމް ނިއުސްއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ 30 އަހަރަށްވުރެ ގިނަދުވަސްވީ ބޮޑު މައްސަލައެއްކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުން މިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، އެދެވޭ ނަތީޖާއެއް މިހާތަނަށް ހާސިލުކުރެވިފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، މި ސަރުކާރުން މިހާރު ފަށާފައިވާ ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާ ފެންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްތުވާތަކެތި އެތެރެކުރުމާއި އޭގެ ވިޔަފާރިކުރުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް، ތަންފީޒީ އިޖުރާއަތްތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އެކަމުން ސަލާމަތްކޮށް، އަލުން މުޖުތަމައަށް ނެރުމަށްޓަކައި ރިހެބިލިޓޭޝަންގެ ނިޒާމު ފުޅާކުރުމަށް މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަރުވާދޭ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ޒުވާނުންނަށް އަދަބުދިނުމުގެ ބަދަލުގައި، އެކުދިން އެ ވަބާއިން ސަލާމަތްކޮށް ބިނާކުރަނިވި ބަޔަކަށް ހެދުން ކަމަށެވެ. މިހާރުވެސް ގިނަ މަސައްކަތްތަކެއް އެއްފަހަރާ ކުރެވެމުންދާކަމަށާއި މިކަމުގައި ރައްޔިތުންނާއި، މަދަނީ ޖަމިއްޔާތަކާއި، ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން ޝަރުއީ ދާއިރާގެ އެއްބާރުލުން ލިބެމުންދާ ރައީސް ވިދާޅުވިއެވެ.

"އެހެންނަމަވެސް އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ކުރިއަށްދާނީ މިހާރު ކުރެވޭ ގިނަ މަސައްކަތްތަކެއް ނިމިގެން. ވަރަށް ގިނަ މަސައްކަތްތަކެއް އެއްފަހަރާ ކުރެވެމުން މިދަނީ. މަސްތުވާތަކެތީގެ ވަބާ ނައްތާލުމުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ. މިކަމަކީ އާންމު ރައްޔިތުންނާއި މަދަނީ ޖަމިއްޔާތަކާއި އަދި ހަމަ ދައުލަތުގެ އެހެން ހުރިހާ މުވައްސަސާތަކެއް ގުޅިގެން ޝަރުއީ ދާއިރާގެ އެއްބާރުލުންވެސް ލިބިގެން ކުރިއަށް ގެންދެވޭނެ ކަމެއް. އެކަމުގެ ނަތީޖާވެސް ދަނީ ފެންނަމުން" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޝަރުއީ ދާއިރާގެ މަސައްކަތްތައް ހަރުދަނާވުމުގެ ނަތީޖާއެއްގެ ގޮތުން، ގޭންގުތަކުން ހިންގާ ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ތަފާސްހިސާބުތަކުން ބަލާއިރު މަދުވަމުންދާކަން ފާހަގަކުރެއްވިފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެންމެން ގުޅިގެން ކުރާ މި މަސައްކަތުގެ ސަބަބުން ޒުވާނުންނަކީ ކުށްތަކުން ސަލާމަތްވެފައިވާ، އުފެއްދުންތެރި އަދި މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ވެގެންދާނެ ކަމުގެ އުންމީދު އެބައޮތްކަމަށެވެ.