މައިންނާއި ޅަދަރިންގެ ސިއްޙީ ރައްކާތެރިކަމަށް ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މުހިންމު ކުރިއެރުންތަކެއް ހޯދިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާއާއި ގުޅިގެން މީސްމީޑިއާގައި ހިތްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަކުން ވަނީ މައިންގެ ދަރިފުޅަށްޓަކައި ހޭދަ ކުރާ ވަގުތާއި ވާޤުރުބާނީ އަކީ މައިވަންތަކަމުގެ ލޯބީގެ މިސާލެއްކަން ފާހަގަކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ ކުއްޖާއަށް ގާތުން ދިނުމުން ކުއްޖާގެ ދިފާޢީނިޒާމު ބާރުވަރުގަދަކޮށްދީ ކުއްޖާއާއި އޮންނަ ގުޅުން ވަރުގަދަކުރެވި، މުޅި ޢުމުރަށް ދެމިގެންދާ ދުޅަހެޔޮކަމުގެ ގުޅުމުގެ ބިންގަލެއް އެޅިގެންދާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވޭތުވެ ދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި، ވަޒީފާ އަދާކުރާ މައިންނަށް ދަރިފުޅާއެކު ވަގުތު ހޭދަކޮށް ގާތުން ކިރު ދިނުމަށް ދެވޭ ފުރުސަތު (ނާސިންގް ބްރޭކް) 2 އަހަރަށް އިތުރުކޮށްދީފައިވާކަން ފާހަގަކޮށްފައެވެ. މީގެ އިތުރުންވެސް މުސާރަ ލިބޭ ގޮތަށް ދެވޭ މައިންގެ ޗުއްޓީ (މެޓާނިޓީ ލީވް) ރައްކާތެރިކުރުމާއި، މައިންނާއި ޅަދަރިންގެ ސިއްޙީ ކަންކަން ފުޅާކުރުމުގައި ރާއްޖެއިން މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާކަމަށް އެކަމާ ވިދާޅުވިއެވެ.
As we mark World Breastfeeding Week, I would like to address the heart of our nation. Our mothers.
— First Lady Sajidha Mohamed (@sajidhaamohamed) August 2, 2026
Every feed, every late night, and every moment of dedication is an act of love. Breastfeeding is far more than nutrition. It is your baby’s very first shield, building strong… pic.twitter.com/uLj0gqqoHn
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ކުދިންގެ ދިރިއުޅުމަށް އެންމެ ދުޅަހެޔޮ ފެށުމެއް ހޯދައިދިނުމަށްޓަކައި، މައިންގެ ޗުއްޓީއާއި ގާތުން ދިނުމަށް ދޭ ވަގުތު ހިމެނޭހެން، ސަރުކާރުން ދެއްވާފައިވާ ޙައްޤުތަކާއި ޢިނާޔަތްތަކުގެ ބޭނުން ފުރިހަމައަށް ހިފުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެކަމަނާ ވަނީ މައިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ޢާއިލާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ޖުމްލަކޮށް މުޅި މުޖުތަމަޢުގެ ޒިންމާއެއްކަން ފާހަގަކުރައްވާފައެވެ.
ވަޒީފާއާއި ބެހޭ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައިވާ ގޮތުން މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށްފަހު އެނބުރި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ދަރިފުޅު ކައިރިއަށް ދިއުމަށް ދުވާލަކު ދެފަހަރު މުސާރައިން ނުކެނޑޭ ގޮތަށް 30 މިނެޓުގެ ވަގުތުކޮޅެއް ދޭން ޖެހެއެވެ. މީގެ ކުރިން ޤާނޫނުން މިފުރުސަތު ދެނީ 1 އަހަރު ދުވަހަށެވެ. ނަމަވެސް މިއަހަރު މާރިޗު މަހުގެ މެދުތެރޭ ތަސްދީޤު ކުރެވުނު އިސްލާހުގެ ތެރެއިން މިމުއްދަތު ވަނީ 2 އަހަރަށް އިތުރުކޮށްދީފައެވެ.
މީގެ އިތުރުން ޤާނޫނުގެ ދަށުން ވިހެއުމުން 6 މަސް ދުވަހުގެ ޗުއްޓީއެއް މައިންނަށް ލިބޭ ގޮތަށް، ޤާނޫނުން ވަނީ ހަމަޖައްސާފައިވެއެވެ.
މިއަހަރުގެ ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާގެ ޝިޢާރަކީ "ދެމެހެއްޓެނިވި ދިރިއުޅުމެއް ފެށުމަށް ގާތުން ކިރު ދިނުން: ނަތީޖާ ނެރެވޭ ކަންކަން ހަރުދަނާ ކުރުން" އެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖީދާ މުޙައްމަދު ވަނީ މިއަހަރުގެ ޝިޢާރާ އެއްގޮތަށް މަސައްކަތް ކުރުމަށް ޢަޒުމު ކަނޑައެޅުމަށް ގޮވާލައްވާފައެވެ. ކޮންމެ އަހަރެއްގެ ގާތުން ދިނުމުގެ ހަފްތާ ފާހަގަ ކުރަނީ އެއަހަރެއްގެ އޮގަސްޓު މަހުގެ ފުރަތަމަ ހަފްތާގައެވެ.