މަތީ މަޖިލީހުގެ ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަނީ އެ ޕާޓީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ބުނެފިއެވެ.
ޕީއެންސީން މިހެން ބުނެފައި މިވަނީ އެޕާޓީގެ މަތީ މަޖިލީހުން ޕާޓީ ނައިބު ރައީސުން ހޮވުމަށް ވޯޓު ނަގާ ގޮތާއި މެދު ބައެއް މީޑިއާތަކުގައި ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ މަތީމަޖިލީހުގެ ވޯޓާއި ގުޅޭގޮތުން އެޕާޓީން ނެރުނު ބަޔާނެއްގައި ވަނީ އެ ޕާޓީގެ މަތީ މަޖިލީހުގެ ވޯޓާއި ގުޅޭގޮތުން ބައެއް މީޑިއާތަކުގައި ދައްކަމުންދާ ވާހަކަތައް ދޮގުކޮށްފައެވެ. ޕީއެންސީން ބުނީ އެ ޕާޓީގެ މަތީ މަޖިލީހާއި ޕާޓީ ޤައުމީ މަޖިލީހާއި ޕާޓީގެ އެކި ގުނަވަންތަކުގެ ކަންކަން އިންތިޒާމުކޮށް ނިންމާގޮތް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ އެ ޕާޓީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މި ޤަވާއިދަކީ ޕާޓީ ވެބްސައިޓުގައި ޝާޢިއުކޮށް މެންބަރުންނާއި، ނޫސްވެރިންނާއި އާންމު ރައްޔިތުންނަށް ފެންނަން އޮތް ލިއުމެއް ކަމަށް އެޕާޓީން ބުންޏެވެ.
ޕީއެންސީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ޕާޓީގެ މަތީ މަޖިލީހުގެ ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެން ކަމަށެވެ. އަދި ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމަށް ނެގޭ ވޯޓަކީ ހާމަ ވޯޓަކަށް ވާން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީއެންސީން ބުނެއެވެ. އެހެން ކަމުން ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ ނައިބު ރައީސުންނާއި މެންބަރުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބަށް ހާމަ ވޯޓެއް ނެގުމަކީ ޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފު ކަމެއް ނޫން ކަމަށް ޕީއެންސީން ބުނެއެވެ.
ޕީއެންސީ ވަނީ އެ ޕާޓީގެ މަތީމަޖިލީހުގައި އޮތް އުފުލައިގެން ވޯޓު ނެގުމަށް މަތީ މަޖިލީހުގެ ކަންކަން ވިލަރެސްކުރާ ކޮމެޓީން ނިންމި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ. އަދި އެކަމަކީ ނިންމަންޖެހޭ ކަމެއްގެ ބަދަލުގައި އަސާސީ ޤަވާއިދުގައި ބަޔާން ކުރެވިފައިވާ ކަމެއްކަން އެޕާޓީން ފާހަގަކުރެއެވެ.
ޕީއެންސީން ވަނީ އެ ޕާޓީގެ މަތީ މަޖިލީހުގައި ޢަމަލުކުރާނީ މިހާތަނަށް ޢަމަލުކުރަމުން އައިސްފައިވާ ގޮތަށް، އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާއި އެއްގޮތައް ކަމުގެ ޔަޤީން ދީފައެވެ. އެޕާޓީން ވަނީ ޕާޓީގެ އެތެރޭގެ ހިންގުމާއި ގޫޅޭ ހުރިހާ ކަމެއް ހިންގަމުންދާނީ، ޕާޓީގެ މަތީ މަޖިލީހުން ފާސްކޮށް ޕާޓީގެ އަސާސީ ޤަވާއިދާއި އެއްގޮތަށް މިނިވަން ޑިމޮކްރެޓިކް ޕާޓީތަކުގައި ޢަމަލުކުރާ އުސޫލްތަކާއި އެއްގޮތަށް ދެފުށް ފެންނަ ގޮތަށް ކަމުގެ ޕީއެންސީން ވަނީ އެ ޕާޓީގެ މެންބަރުންނަށް ޔަޤީންކަން ދީފައެވެ.