ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ވާދަކުރުމުގެ ބައިގައި ބައިވެރިކުރާ އުފެއްދުންތަކަށް އިންސާފުކޮށް ފަނޑިޔާރުކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
މި މައުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް ވާދަވެރި މާހައުލެއް ހޯދައިދީ، އުފެއްދުންތެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެގޮތުން، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް އިން އިންތިޒާމްކޮށް ބާއްވާ މައުރަޒެކެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްއިން ވަނީ ފަނޑިޔާރުކަމަށް ކުރިމަތިލެވޭ ފަރާތްތަކުގެ ޝަރުތުތަކާއި ފަނޑިޔާރުކަން ކުރުމަށް ހުށަހެޅޭނެ ގިންތިތަކާއި ފަނޑިޔާރުން ހޮވުމުގައި ބަލާނެ ކަންކަން އިއުލާނުކޮށްފައިވެއެވެ.
- ދިވެހި ރައްޔިތެއް ކަމުގައިވުން
- އުމުރުން 21 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައި ވުން
- ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން
- ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުން
- ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުން
- ފަނޑިޔާރުކަން ކުރުމަށް އެދި ހުށަހަޅާ ގިންތިން ހާސިލުކޮށްފައިވާ ސަނަދުތައް
- ފަނޑިޔާރުކަން ކުރުމަށް އެދި ހުށަހަޅާ ގިންތިއާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މުއްދަތު
- ފަނޑިޔާރުކަން ކުރުމަށް އެދި ހުށަހަޅާ ގިންތީގެ މަސައްކަތަށް އަހުލުވެރި މިންވަރު
- ފަނޑިޔާރުކަން ކުރުމަށް އެދި ހުށަހަޅާ ގިންތީގެ މަސައްކަތާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި މިންވަރު
- ފަނޑިޔާރުކަން ކުރުމަށް އެދި ހުށަހަޅާ ގިންތިން ހޯދައިފައިވާ ކާމިޔާބީ
- މިފަދަ މައުރަޒުތަކާއި މުބާރާތްތަކުގައި ފަނޑިޔާރުކަން ކޮށް ހޯދާފައިވާ ޢަމަލީ ތަޖުރިބާ
- ކަނޑައެޅިފައިވާ މުއްދަތުގައި ފަނޑިޔާރުކަން ކުރުމަށް އެކަށީގެންވާ ވަގުތު ދެވުން
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ވާދަކުރުމުގެ ބައިގައި ބައިވެރިކޮށްފައިވާ އުފެއްދުންތަކަށް އިންސާފުކޮށް ފަނޑިޔާރުކަން ކުރުމުގެ ކަންކަން ކުރިއަށް ދާނީ 01 އޮކްޓޫބަރު ފެށިގެން 23 އޮކްޓޫބަރުގެ ނިޔަލަށެވެ. ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ފަނޑިޔާރުންގެ ޕޫލަށް ހޮވޭ ފަރާތްތަކަށް ޚާއްސަކޮށް ބޭއްވޭ އޮރިއެންޓޭޝަންއާއި ޓްރެއިނިންގް ސެޝަންތައް 15 ސެޕްޓެންބަރާއި 30 ސެޕްޓެންބަރާ ދެމެގެ މުއްދަތެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފަނޑިޔާރުކަންކުރުމުގެ މުއްދަތުގައި ބީ.ސީ.ސީ. އިން ނިންމާގޮތެއްގެ މަތީން ފަނޑިޔާރުންނަށް ހާއްސަ އެލަވަންސެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ވާދަކުރުމުގެ ބައިގައި ފަނޑިޔާރުކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ލިޔެކިޔުންތަށް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް މިމަހުގެ 26ގެ 15:00 ކުރިން މެއިލްކުރެއްވުން ވަނީ އެދިފައެވެ.