މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢޫއާ ގުޅޭގޮތުން ވިޔަފާރިވެރިންނާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓަޑް، އެމްޕީއެލް އިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއަދު މީރުމާގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ވިޔަފާރިވެރިންގެ މަންދޫބުންގެ އިތުރުން، އެމްޕީއެލްގެ ފަރާތުން ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީޤް އަދި އިސް މެނޭޖްމަންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޕީއެލުން ވިދާޅުވީ މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް، މަޝްރޫޢުގެ އެންމެ މުހިންމު އެއް ހިއްސާދާރުން ކަމުގައިވާ ވިޔަފާރިވެރިންނާ ހިއްސާކުރުން ކަމަށެވެ. މި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ ތިލަފުށީގެ އޮޕަރޭޝަންތައް ވީހާވެސް ފަސޭހަ އަދި 'އެފިޝިއަންޓް' ނިޒާމެއްގެ ދަށުން ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭ މުހިއްމު ކަންކަން ހިއްސާކޮށްފައިވެއެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުުރުމާއި ގުޅިގެން، އެމްޕީއެލް އިން ދަނީ ސިލްސިލާކޮށް ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރަމުންނެވެ. އެގޮތުން މިހާތަނަށް ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން، މީޑިއާ އަދި މަޖޫރީންނާ ވެސް ވަނީ ބައްދަލުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މަޝްރޫޢުގެ އެހެނިހެން ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރުމަށް ވެސް ވަނީ ރޭވިފައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒީރު މުޙައްމަދު ސަޢީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، ވަށާޖެހޭ ނިޒާމަކާއެކު ވިޔަފާރި ބަނދަރުގައި ބައިނަލްއަޤްވާމީ ކަނޑުގެ ބަނދަރާއި، އަތޮޅުތެރެ އާއި ރިސޯޓްތަކަށް ޚިދުމަތްދޭ ބަނދަރާއި، ވިޔަފާރީގެ ގުދަން ކުރުމާއި، ގަނެވިއްކާ ސަރަހައްދުތައް ވެސްހިމެނޭނެ ކަމަށެވެ. އަދި މި މަޝްރޫޢު ކަނޑައެޅިފައިވާ ތާރީޙަށް ނިންމުމަށް މަސައްކަތްކުރަމުންދާއިރު، އެމްޕީއެލުން ކަމާގުޅޭ ފަރާތްތަކާއެކު ފުޅާދާއިރާއްގައި މަޝްވަރާކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
މި ބަނދަރަކީވެސް ކުރަން ކުރަން މީގެ ކުރީ ސަރުކާރުތަކުން ކިޔަކިޔާ ނުފެށި ލަސްވެގެން ގޮސްފައިވާ މުޙިއްމު މަޝްރޫޢުއެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢު ނުފެށި އޮތުމަކީ ރާއްޖޭގެ އިޤްތިޞާދު އެހެންހަރުފަތަކަށް ގެންދިއުމަށް އެޅިފައިވާ ބޮޑުހުރަހެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މާލޭވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، ވަށާޖެހޭ ނިޒާމަކާއި އެކު ވިޔަފާރި ބަނދަރުގައި ބައިނަލްއަޤްވާމީ ކަނޑުގެ ބަނދަރާއި، އަތޮޅުތެރެ އާއި ރިސޯޓްތަކަށް ޚިދުމަތްދޭ ބަނދަރާއި، ވިޔަފާރީގެ ގުދަން ކުރުމާއި، ގަނެވިއްކާ ސަރަހައްދުތައް ވެސްހިމެނޭގޮތަށް ތަރައްޤީކުރަން ފަށާފައިވާ… pic.twitter.com/5N0BT8L0ai
— Mohamed Saeed (@em_saeed) August 3, 2026
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ އިތުރުން، މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ. ތިލަފުށީގައި ތަރައްގީކުރާ ބަނދަރަކީ މާލޭ ބަނދަރަށްވުރެ 12 ގުނަ ބޮޑު ސަރަހައްދެކެވެ. އެގޮތުން، މި ބަނދަރު ވެގެންދާނީ ޒަމާނީ ވަސީލަތްތަކާއެކު، މިހާރު ބަނދަރަށް ދިމާވެފައި މައްސަލަތައް ހައްލުކުރެވޭނެ މުހިންމު ތަނަކަށެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވައުދުފުޅެކެވެ. ސަރުކާރުގެ އަމާޒަކީ ތިލަފުށީގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު "ސްޓޭޓް-އޮފް-ދި-އާޓް" މަލްޓި-ޕާޕަސް ބަނދަރެއް ޤާއިމުކުރުމެވެ. މި ބަނދަރު ވެގެންދާނީ ވިޔަފާރިވެރިންނާއި މި ކުންފުނީގެ އެހެނިހެން ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ޚިދުމަތް ދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށެވެ.
މި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ޚިދުމަތަށް ހުޅުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރަައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީީ ދެއްވާފައެވެ. ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން، މި ވަގުތު ބަނދަރުގައި ދިމާވެފައިވާ ދަތިތައް ހައްލުވެ، އިގްތިސާދީ ގޮތުން އިތުރު ކުރިއެރުންތަކަށް މަގު ފަހިވެގެންދާނެއެވެ.