ދިވެހިރާއްޖެއާއި ތުރުކީވިލާތުން އަމަލުކުރަން ފެށި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް، ޕީޓީއޭގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރައިގެން ދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސައިން ޒާމިރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ގާއިމްކުރި ޕީޓީއޭއަށް އަމަލުކުރަން ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ.
ތުރުކީވިލާތާއެކު ސޮއިކޮށް އޯގަސްޓް 1 ވަނަ ދުވަހު ޢަމަލުކުރަން ފެށި ޕީޓީއޭއަކީ ދެ ޤައުމު ދެމެދު މަޝްވަރާ ކުރެވި ކަނޑައެޅި ވަކި ބާވައްތަކުގެ މުދަލުން ޑިއުޓީ މަޢާފް ކުރުމަށް ސޮއިކުރެވިގެން ދިޔަ އެއްބަސްވުމެކެވެ. ބައިނަލްއަޤްވާމީ ގޮތުން ބަލާ ކަސްޓަމްސް މިނގަނޑުތަކުން މުދަލުގެ 75 ގިންތިއަކުން މި އެއްބަސްވުމުގެ ދަށުން ލުއި ލިބެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސައިން ޒާމިރު، ވިދާޅުވީ، ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބޭނުންކުރާ އައިޓަމްސްތަކާއި، އާލާތްތައް މި އެގްރިމަންޓްގެ ތެރެއިން އިމްޕޯޓްކުރާނަމަ އެއްވެސް ޑިއުޓީއަކާއި ނުލައި އެތެރެކުރެވޭނެކަމަށެވެ.
ތުރުކީވިލާތަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަމުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ ގައުމެއްކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ސިނާއަތް ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް މި އެއްބަސްވުމުގެ ސަބަބުން ފައިދާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ހުސައިން ޒާމިރު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ކޮލެޓީ ރަނގަޅު މެޝިނަރީ ތުރުކީވިލާތުން އެއްވެސް ޑިއުޓީއަކާނުލާ އެތެރެކުރެވޭނެކަމަށެވެ. އޭގެތެރޭގައި ހައިޑްރޯފޮނިކްސް ސިސްޓަމްތަކާއި ދަނޑުވެރިކަމުގައި ބޭނުންކުރާ އެކިކަހަލަ ބޭސްތައް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް ދަނޑުވެރިކަމަށް ބޭނުންވާ ހައިޑްރޯފޮނިކްސް ސިސްޓަމް ނޫނިއްޔާ ވާޓިކަލް ފާމިންއަށް ބޭނުންވާ އެކި އާލާތްތައް އަދި ގްރީންހައުސްގައި ތަކެތި ހައްދާ ފަރާތްތަކަށް ތަކެތިވެސް އަދި ދަނޑުވެރިކަމާއި ގުޅޭ މިސާލަކަށް ޕެސްޓިސައިޑް ނުވަތަ ދަނޑަށް މިޖަހާ ތަފާތު ބޭސްތައް ތުރުކީވިލާތުން ގެންނަންޏާ އެއްވެސް ޑިއުޓީއަކާއިނުލާ މިހާރު ގެނެވޭނެ" ހުސައިން ޒާމިރު ވިދާޅުވިއެވެ.
ތުރުކީވިލާތާއެކު ސޮއިކޮށްފައިވާ ޕީޓީއޭއަށް ޢަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ އިމްޕޯޓަށްވެސް އޭގެ ފައިދާ ކުރާނެއެވެ. މިހާރު ތުރުކީވިލާތާއި ރާއްޖެ ދެމެދު ކުރެވޭ ވިޔަފާރި ގާތްގަނޑަކަށް 70 މިލިޔަން ޑޮލަރަށް އަރައެވެ.
ތުރުކީވިލާތުގެ އުފެއްދުންތަކުގެ ތެރެއިން ރާއްޖެއަށް އެތެރެކުރާ 404 ބާވަތެއްގެ މުދަލުން ޑިއުޓީގެ ލުއިތައް ލިބެއެވެ. އަދި މީގެ ތެރެއިން ދެ ބައިކުޅައެއް އެއްބައެއްހާ މުދަލަށް ޑިއުޓީ އެއްކޮށް ކެނޑިގެންދާނެއެވެ. މިއީ ދުނިޔޭގެ އިތުރު ސަރަހައްދަކުން ރަނގަޅު ފެންވަރުގެ މުދާ ދިވެހިރައްޔިތުންނަށް ފޯރުކޮށްދިނުމަށް ލިބިގެންދާ ފުރުސަތެކެވެ.