ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށްޓަކައި ސައިންޓިފިކް ދިރާސާތަކުގެ މުހިންމުކަން ކުރިއަށްވުރެ ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، 6 ވަނަ މެރިން ސައިންސް ސިމްޕޯސިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ހިތްގައިމު ކަނޑުގެ ދިރުންތައް ލިބިފައިވާ އެއް ޤައުމު ކަމަށެވެ. އަދި ކުލަގަދަ މުރަކައިގެ ފަރުތަކާއި ބޮޑެތި ކަނޑުގެ ދިރުންތަކަކީ ރާއްޖޭގެ އިގުތިޞާދާއި މުޖުތަމައުތައް ދަމަހައްޓައިދޭ އަސާސް ކަމަށެވެ. އެތައް އަހަރެއްގެ ދިރާސާތަކަށް ފަހުވެސް ކަނޑުތަކުން އައު ހޯދުންތައް ފެންނަމުން ދިއުމަކީ، އަދިވެސް ދެނެގަންނަންޖެހޭ ކަންތައްތައް ގިނަކަން ހަނދާންކޮށްދޭ ހެއްކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަކީ މި ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ތަހައްމަލު ކުރަންޖެހިފައިވާ އެއް ޤައުމު ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އަންނަ ބަދަލުތަައް ދެނެގަތުމަށް، ސައިންޓިފިކް ދިރާސާތަކުގެ މުހިންމުކަން މިހާރު ކުރިއަށްވުރެ ބޮޑުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ސައިންޓިފިކް ދިރާސާތަކުގެ މުހިންމުކަން މިވަނީ ކުރިއަށްވުރެ ބޮޑުވެފައި. އެހެންކަމުން ކަނޑުތަކާއި ފަރުތާކާ ގުޅޭގޮތުން އިތުރު މައުލޫމާތުތައް ހޯދައި، މުޖުތަމައުތަކަށް މި ބަދަލުތަކަށް ހޭނުމަށް އެހީތެރިވެދޭނެ ސައިންޓިފިކް ހައްލުތައް ހޯދަންޖެހޭ. ދިރާސާތަކަށާއި ޢިލްމަށް އިންވެސްޓްކޮށްގެން، އަޅުގަނޑުމެންގެ ކަނޑުގެ މާހައުލު ރައްކާތެރިކޮށް، އެއަށް ބަރޯސާވާ ދިރިއުޅުންތައް ހިމާޔަތްކޮށްގެން އަންނަން އޮތް ޖީލުތަކަށްޓަކައި ދެމެހެއްޓެނިވި މުސްތަޤުބަލެއް ބިނާކުރެވޭނީ." ވަޒީރު ވިދާޅުވިއެވެ.
ދިރާސާގެ މައްޗަށް ބިނާވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތަށް އަލިއަޅުއްވާލައްވާ ވަޒީރު ވިދާޅުވީ، ސަރުކާރުން އިސްކަންދެނީ ސައިންސްގެ އަލީގައި ނިންމާ ނިންމުންތަކުގެ މައްޗަށް ބިނާކޮށް އިގުތިޞާދީ ތަނަވަސްކަން ހޯދައިދިނުމަށް ކަމަށެވެ. މި ސިމްޕޯޒިއަމްގައި ހިއްސާކުރެވޭ ޢިލްމަކީ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެކުލަވާލާ ސިޔާސަތުތަކުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު ޝިޔާމްގެ ވާހަކަފުޅުގައި މި ދާއިރާގައި ދިވެހިން ހިއްސާ އޮންނަ އޮތުން އިތުރުކުރުމަަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ދާއިރާގެ މާހިރުންނާއި ދިވެހިން ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއެކު ރާއްޖޭގެ ސައިންޓިފިކް ޤާބިލުކަން އިތުރުކުރުމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ކުރަންޖެހޭ މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައިވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ މި ސިމްޕޯޒިއަމްގެ އަމާޒަކީ، ރާއްޖޭގެ ކަނޑުތަކުގައި ކުރާ ތަފާތު ދިރާސާތައް އެއް ތަނެއްގައި ހިއްސާކޮށް މަޝްވަރާ ކުރުމަށް މަގުފަހިކޮށްދިނުމެވެ. ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ސިމްޕޯޒިއަމްގައި މިއަހަރު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖުމްލަ 47 ދިރާސާއެވެ. މީގެ ތެރޭގައި 32 އޯރަލް ޕްރެޒެންޓޭޝަނާއި 15 ޕޯސްޓަރ ޕްރެޒެންޓޭޝަން ހިމެނެއެވެ. މި ފަހަރުގެ ސިމްޕޯޒިއަމަށް ހުށަހަޅާފައިވާ ކަރުދާސްތައް މައިގަނޑުގޮތެއްގައި ބެހިގެން ދަނީ ފަސް ދާއިރާއަކަށެވެ.