އަހަރުގެ މިހާތަނަށް އިޓަލީވިލާތުން ރާއްޖެއަށް 80،000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. އިޓަލީއަކީ ރާއްޖެއަށް މިހާރު 4ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިމަހުގެ 3ވަނަ ދުވަހުގެ ނިޔަލަށް އިޓަލީވިލާތުން ރާއްޖެއަށް 80,867 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ %6.5 އެވެ.
އިޓަލީވިލާތަކީ އާންމުގޮތެއްގައި ރާއްޖެއަށް އެންމެ ގިނައިން ޒިޔާރާތްކުރާ ފަތުރުވެރިންގެ ލިސްޓުގައި އަބަދުވެސް ހިމެނޭ ގައުމެކެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު އެޤައުމަކީ ރާއްޖެއަށް 5ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމެވެ. މިދިޔަ އަހަރުތެރޭ އިޓަލީވިލާތުން ވަނީ 153,258 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން އެޤައުމުން ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. 99،000އަށްވުރެ ގިނަ ފަތުރުވެރިންނާއެކު 3ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ.
އަަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1.2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު ދަށް އަދަދެކެވެ. އެހެން ނަމަވެސް 2024ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ.