ދިވެހިރާއްޖެއިން ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް ޝަރީފް އުމަރު، އެމަނިކުފާނުގެ ސަފީރުގެ ކަމުގެ ފަތްކޮޅު ޤަތަރުގެ އަމީރު، ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއަށް އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޤަޠަރުގެ ދޯހާގައި ހުންނަ ލުސައިލް ގަނޑުވަރުގައެވެ.
ފަތްކޮޅު އެރުވުމަށް ލުސެއިލް ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތުގައި ސަފީރު އާދަމް ޝަރީފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން، ޤަޠަރުގެ ޢަމަރު އަދި އެއްޤުމުގެ ރައްޔިތުންނަށް ތަހުނިޔާ އަދި މުބާރަކުބާދީ އަރުއްވާފައެވެ. ރަސްމީއްޔާތަށްފަހު ބޭއްވެވި ބައްދަލުވުގައި ސަފީރު އާދަމް ޝަރީފް ވަނީ ޤަތަރު ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް މަތީ ފަންތީގެ މަޝްވަރާތައް ބާއްވާ ގުޅުން ބަދަހިކުރުމުގެ ޝަޢުޤުވެރިކަން ސަފީރު ފާޅުކުރެއްވެވިއެވެ.
މިރަސްމިއްޔާތުގައި ޤަތަރުގެ ޢަމީރު ދެއްކެވި ވާހަކަފުޅުގައި، ސަފީރު އާދަމް ޝަރީފް މަޤާމުގެ ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި ދެ ޤައުމުގެ ގުޅުން ސަފީރުގެ ދައުރުގެ ތެރޭ އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަފީރު އާދަމް ޝަރީފް ވަނީ ޤަތަރުގައި ދިވެހިރާއްޖެ ތަމްސީލް ކުރުމަށް ލިބުނު ފުރުސަތަކީ ލިބިގެންދިޔަ ފަޚުރެއްކަން ފާހަގަކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދު އޮތް އެކުވެރިކަމާއި ޚާރިޖީ ގުޅުންތައް އިތުރަށް، ބަދަހިވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ.
ސަފީރު ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސަފީރު އަރިހުގައި ޤަތަރު އެމްބަސީގެ ސެކަންޑް ސެކެރެޓަރީ މުހައްމަދު ތަޙްސީން ވަނީ ބައިވެރިވެވަޑައިގެންފައެވެ.