ޚަބަރު

ތަރިކަ ދިރާސާކުރުމުގެ ދާއިރާގެ ސްކޮލަރޝިޕަށް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި


  • މުއްދަތު އިތުރުކުރީ މިމަހުގެ 16ގެ ނިޔަލަށް

  • ރިސަރޗްގެ މުއްދަތަކީ 2 އަހަރު

  • މިދިޔަ އަހަރު 40 މީހަކަށް ސްކޮލަރޝިޕް ދީފަވޭ

ތަރިކަ ދިރާސާކުރުމަށް ދޭ ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕަށް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މުއްދަތު އިތުރުކޮށްފައިވަނީ އޮގަސްޓްމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިވެހި ތަރިކައަށް ޚާއްސަ ސިފަތައް ހޯދައި ދެނެގަތުމަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ "ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް" ފުރުސަތުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މާސްޓަރސް ޑިގްރީއެއް ހާސިލުކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަރ ކުރާ ރިސާރޗް މަސައްކަތް ކުރުމުގެ ފުރުސަތުތަކެކެވެ. މިސްކޮލަރޝިޕަކީ ދިވެހި ތަރިކައިގެ ޢިލްމު އުފެއްދުމާއެކު، ޤާބިލު ތަރިކަވެރިންތަކެއް އުފެއްދުމުގެ މަޤުޞަދުގައި ހިންގާ ސްކޮލަރޝިޕެކެވެ.

މިސްކޮލަރޝިޕް ފުރިހަމަ ކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ "މާސްޓަރ އިން ރިސާރޗް އެންޑް ޕަބްލިކޭޝަންސް" ސަނަދު ހާސިލު ކުރެވޭނެއެވެ. މި ސްކޮލަރޝިޕުގެ ދަށުން ހިންގާ ރިސާރޗް މަސައްކަތްތަކުގެ މުއްދަތަކީ، 2 އަހަރު ދުވަހެވެ. ރިސާރޗް މަސައްކަތުގައި ކޮންމެ މަހަކު އެއްފަހަރު ދިވެހި ތަރިކަ ދިރާސާ ކުރާ ޤައުމީ މަރުކަޒުގައި ދާއިރާގެ މަސައްކަތްކުރަން ޖެހޭނެއެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ، މި ސްކޮލަރޝިޕުގައި ދިރާސާ ކުރާ މައުޟޫޢު ކަނޑައަޅާނީ އެ މަރުކަޒުން ކަމަށެވެ. މި ސްކޮލަރޝިޕުގައި ބައިވެރިވާ ފަރާތްތަކަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ދަސްކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ތަރިކައިގެ ދާއިރާގެ ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވިއެވެ. މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކަށް ސްކޮލަރޝިޕާ ގުޅޭ މައުލޫމާތު ދިނުމުގެ ދަންފަޅިއެއް ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން އިންތިޒާމު ކުރާނެ ކަމަށް ވިދާޅުވިއެވެ.

މިފުރުޞަތުގައި ދިރާސާ ކަރުދާސް ތައްޔާރުކުރުކޮށް ޝާއިޢުކުރުމާއި އަދި ދިރާސާކުރާ ދާއިރާއިން 1 ފޮތް ތަރުޖަމާކުރުމުގެ އިތުރުން ދިވެހިރާއްޖެއާ ގުޅޭގޮތުގެ ކޮމެންޓްރީއެއް ތައްޔާރުކުރުން ހިމެނެއެވެ. އަދި ކޯސް ފުރިހަމަކުރުމަށްފަހު، 2 އަހަރު ދުވަހުގެ މުއްދަތަށް ދިވެހި ތަރިކައިގެ ދާއިރާއަށް ޚިދުމަތްކުރަން ޖެހޭނެއެވެ.

ތަރިކަ ދިރާސާ ކުރުމުގެ ދާއިރާއިން ދޭ "ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް" މިދިޔަ އަހަރު 40 މީހުންނަށް ވަނީ ދީފައެެވެ. ދިވެހި ޤައުމިއްޔަތު އިއާދަކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދެވެ.