ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންތައް ދޫކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާތުތައް ކަނޑައަޅައި، ބިމާ ބެހޭ ޤާނޫނުގެދަށުން އެކަމުގެ ޤަވާއިދު އެކުލަވާލައި އާއްމުކޮށްފިއެވެ.
މި ޤަވާއިދު ހިންގާ ތަންފީޒުކުރާނީ ބިނާރާ ގެދޮރުވެރިކަމާއި ޢުމްރަނީ ތަރައްޤީއާ ބެހޭ ވުޒާރާއިންނެވެ. މި ގަވާއިދު ހިނގާނީ، ދިރިއުޅުމުގެ ބޭނުން ފިޔަވައި އެހެނިހެން ބޭނުންތަކަށް ކައުންސިލްތަކާއި ވުޒާރާއިންނާއި ދައުލަތުގެ އެނޫންވެސް އިދާރާއަކުން ދޫކުރާ ނުވަތަ ހަވާލުކުރާ ބިންތަކުގެ މައްޗަށެވެ.
ޤަވާއިދުގެ މަޤުޞަދުތަކުގެތެރޭގައި މިކަމާއި ގުޅޭ އިޖުރާޢަތްތައް ކަނޑައެޅުމައި ބިން ދޫކުރެވޭނެ އުސޫލާއި، ބިމުގެ ރަޖިސްޓްރީ ދޫކުރުމާއި ބިމާއި ގުޅޭ ޙައްގުތައް ބަޔާންކޮށްފައިވެއެވެ. އަދި ބިން ނަގާ މީހާގެ މަސްޢޫލިއްޔަތުތަކާއި އެއްބަސްވުން އެކުލަވާލުމުގެ އުސޫލު ބަޔާންކޮށްފައިވެއެވެ.
މިފަދަ ބިންތައް ދޫކުރާނީ ނުވަތަ ހަވާލުކުރާނީ، ބިމާބެހޭ ޤާނޫނުގެ 3ވަނަ މާއްދާގެ (ހ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ އަދި ކައުންސިލުގެ މިލްކުވެރިކަމުގައިވާ ބިމެއް ނަމަ، އެ ކައުންސިލަކުންނެވެ. އަދި އެ ނޫން ބިން ދޫކުރާނީ ނުވަތަ ހަވާލުކުރާނީ ވުޒާރާއިންނެވެ.
ބިން ކުއްޔަށް ދޫކުރާ އެންމެ ކުޑަ ކުއްޔާއި ބިން ވިއްކާ އެންމެ ކުޑަ އަގާއި އާންމު ޚިދުމަތްތަކަށް ދޫކުރާ ބިންތަކުގެ އެންމެ ބޮޑު ކުއްޔާއި ދައުލަތުގެ ބޭނުމަށް އެކަށައަޅައިފައިވާ ބިންތަކުގެ އަގު ކަނޑައަޅާނީ، މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލާ ލޭންޑް ވެލުއޭޝަން ކޮމިޓީއަކުންކަން ބަޔާންކޮށްފައިވެއެވެ.
އަގު ކަނޑައެޅުމުގައި އެރަށެއްގެ ނުވަތަ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމާއި އާއްމު އިޤްތިޞާދީ ފުދުންތެރިކަން ބިމުގެ ޑިމާންޑަށް ބެލޭނެއެވެ. ކަމާ ގުޅޭ އިދާރާތައް ތަމްސީލުކުރާގޮތަށް 9 މެންބަރުގެ ލޭންޑް ވެލުއޭޝަން ކޮމިޓީއެއް މި ޤަވާއިދުގެދަށުން އެކުލަވާލާނެއެވެ.
ލޭންޑް ވެލުއޭޝަން ކޮމިޓީ ޗެއަރކުރާނީ ކޮމިޓީގެ 9 މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެންބަރެކެވެ.
މި ގަވާއިދުގެ ދަށުން ދޫކުރާ ބިންތަކުގެ ނުވަތަ ވިއްކާ ހުރިހާ ބިންތަކުގެ މައުލޫމާތު ހިމެނޭ ދަފްތަރެއް އެ މުޢާމަލާތު ހިންގާ ކައުންސިލް އިދާރާއިން ނުވަތަ މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.
މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހަދާފައިވާ ރަޖިސްޓަރީތައް، މި ގަވާއިދުގެ ދަށުން ބާޠިލެއް ނުވާނެއެވެ. ނަމަވެސް ބިމުގެ ދަފްތަރު އަދާހަމަކުރުން 6 މަސްތެރޭ ކުރިއަށްގެންދިއުމަށްވެސް ވަނީ ކަނޑައަޅާފައެވެ. އަދި މި ގަވާއިދުގެ ދަށުން ލޯކަލް ކައުންސިލްތަކާ ހަވާލުކޮށްފައިވާ ކަންކަން ފުރިހަމަކޮށް ތަންފީޒުކުރާނީ އެ ކައުންސިލަކުންނެވެ. ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނަކީ 2003ވަނަ އަހަރު އެކުލަވާލި ޤާނުނެވެ.