ޚަބަރު

ޖޫންމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާ


  • މިއީ މޭމަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު އިތުރު އަދަދެއް

  • މޭ މަހު ލިބިފައިވަނީ 322 މިލިޔަން ރުފިޔާ

ޖޫންމަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ މޭމަހު ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ މޭމަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބިފައިވަނީ 322 މިލިޔަން ރުފިޔާއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ޖޫންމަހު ރާއްޖެއަށް 6.7 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ. މޭމަހު ރާއްޖެއަށް އިމްޕޯޓުކޮށްފައިވަނީ 5.5 ބިލިޔަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ މޭމަހާއި އަޅާބަލާއިރު 21.8% އިތުރުވުމެކެވެ.

ޖޫންމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާންއިންނެވެ. އެއީ 1601 މިލިޔަން ރުފިޔާގެ މުދަލެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިޔާއިންނެވެ. އެގޮތުން އިންޑިއާއިން 1502 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ތިންވަނަ އަށް އެންމެ ގިނައިން މުދާ އެތެރެކުރި ގައުމު ޗައިނާއިން 922 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

މިދިޔަ ޖޫންމަހު ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓުކޮށްފައިވަނީ ކެއުމުގެ ބާވަތްތަކެވެ. އެގޮތުން ކެއުމުގެ ބާވަތްތަކުގެ 1.7 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

އަދި ތެލާއި ގޭހުގެ ބާވަތްތަކަށް ބަލާއިރު 1.8 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ. އަދި 972 މިލިޔަން ރުފިޔާގެ މެޝިނަރީއާއި އެނޫންވެސް ބާވަތްތައް އިމްޕޯޓުކޮށްފައިވެއެވެ.

އެކްސްޕޯޓަށް ބަލާއިރު، ޖޫންމަހުގެ ތެރޭގައި 153 މިލިޔަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓުކޮށްފައިވެއެވެ. މެއިމަހު އެކްސްޕޯޓްކޮށްފައިވަނީ 98 މިލިޔއަން ރުފިޔާއެވެ. މިއީ 56% އިތުރުވުމެކެވެ. ޖޫންމަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށެވެ. އެއީ 95 މިލިޔަން ރުފިޔާގެ މުދަލެވެ.

ދެވަނައަށް އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. އެއީ 23 މިލިޔަން ރުފިޔާގެ މުދަލެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރި އިންޑިއާއަށް 6 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.