ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ) އިން "ވާރލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝިއޭނިއާ އެންޑް އިންޑިއަން އޯޝަން 2026" ގެ އޮފިޝަލް ލޯކަލް އެއާލައިން ޕާޓްނަރެއްގެ ގޮތުގައި ޤައުމީ އެއާލައިން، މޯލްޑިވިއަން ހަމަޖައްސައިފިއެވެ.
މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ބައިނަލްއަގުވާމީ މި މުހިންމު ހަރަކާތް އިންތިޒާމުކުރުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ވެވުނު އެއްބަސްވުމެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވިއެވެ.
މި ޕާޓްނަރޝިޕް އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަލީ ސަލީމްއެވެ.
މި އެއްބަސްވުމުގެ ދަށުން، މޯލްޑިވިއަންއިން އޮފިޝަލް ލޯކަލް އެއާލައިން ޕާޓްނަރުގެ ހައިސިއްޔަތުން މުވައްޒަފުންގެ ބައިވެރިވުމުގެ އިތުރުން އެއާލައިންގެ ހިދުމަތްތަކާއި، އޮޕަރޭޝަނަލް އެއްބާރުލުން ފޯރުކޮށްދީ، މި އިވެންޓު ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް އެހީތެރިވެދޭނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވީ ޑަބްލިއުޓީއޯގެ ސަރަޙައްދީ ހަފުލާ ރާއްޖޭގައި ބޭއްވުމަކީ، ފަތުރުވެރިކަމުގެ ދާއިރާގެ ބައިނަލްއަގުވާމީ އިސް ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި، އަޅުގަނޑުމެންގެ މަންޒިލް އިސްތިހާރުކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ.
ޝިއުރީ ވިދާޅުވީ ރާއްޖޭގެ ޤައުމީ އެއާލައިންގެ ހައިސިއްޔަތުން، މޯލްޑިވިއަންއަކީ ރާއްޖޭގެ ރަށްތައް ގުޅުވާލުމަށާއި މުޅި ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށެވެ. އަދި މި ޕާޓްނަރޝިޕުން ރަމްޒުކޮށްދެނީ، ކާމިޔާބު ހަރަކާތެއް ބޭއްވުމަށާއި ދުނިޔޭގެ ފަތުރުވެރިކަމުގެ މައިދާނުގައި ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި، ދިވެހި ހިއްސާދާރުންގެ މެދުގައި އޮންނަންޖެހޭ ގުޅުމާއި އެއްބާރުލުމުގެ މުހިންމުކަން ކަމަށް ޝިއުރީ ވިދާޅުވިއެވެ.
މީގެ އިތުރުން މިފަހަރުގެ އެވޯޑް ހަފްލާގެ މޭކަޕް އެންޑް ބިއުޓީ ޕާޓްނަރެއްގެ ގޮތުގައި އަނާ ސެލޫން ވަނީ ހަމަޖައްސާފައެވެ. މި ޕާޓްނަރޝިޕް އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ވީއެމްސީގެ އެމްޑީ އިބްރާހީމް ޝިއުރީއެވެ. އަދި އަނާ ސެލޫންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މާކެޓިންގ މެނޭޖަރު ފާތިމަތު ނަފްއަތު އަހުމަދު އެވެ.
އަނާ ސެލޫންއަކީ ބިއުޓީ އަދި ވެލްނެސްގެ ހިދުމަތްތައް ފޯރުކޮށްދޭ ދިވެހި ލޯކަލް ބްރޭންޑެކެވެ. ވާރލްޑް ޓްރެވަލް އެވާރޑްސް އޭޝިއާ، އޯޝެނިއާ އެންޑް އިންޑިއަން އޯޝަން 2026 ގެ އޮފިޝަލް މޭކަޕް އެންޑް ބިއުޓީ ޕާޓްނަރުގެ ހައިސިއްޔަތުން، އަނާ ސެލޫންއިން މި ހަރަކާތުގެ ތައްޔާރީތަކުގައި އަމަލީގޮތުން ބައިވެރިވާނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީ.އީ.އޯ އިބްރާހީމް ޝިއުރީ ވިދާޅުވީ މި ހަރަކާތުގެ އޮފިޝަލް ޕާޓްނަރެއްގެ ގޮތުގައި އަނާ ސެލޫންއަށް މަރުހަބާ ކިޔުމަކީ ލިބޭ އުފަލެއް ކަމަށާއި، މިއީ ދިވެހި ވިޔަފާރިތަކުގެ ގާބިލުކަމާއި، ކާމިޔާބު ހަރަކާތެއް ބޭއްވުމަށް ގުޅިގެން ކުރެވޭ މަސައްކަތްތައް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ނަން އިތުރަށް ފުޅާވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވާރލްޑް ޓްރެވަލް އެވާރޑްސްއަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހޯދާ މަތީ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމަށް ބާއްވާ، ދުނިޔޭގެ މަގުބޫލު މަންޒިލްތަކާއި، ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާތަކާއި، ހޮސްޕިޓަލިޓީ ބްރޭންޑްތައް އެއްވެއުޅޭ ހަރަކާތެކެވެ. މިއެވާރޑްސްގެ އޭޝިއާ، އޯޝެނިއާ އެންޑް އިންޑިއަން އޯޝަން 2026 ގެ ހަފްލާ ރާއްޖޭގައި ބޭއްވުމަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ސިނާއަތުގެ މުހިންމު ފަރާތްތަކަށް ރާއްޖެ އިސްތިހާރުކޮށް، ޕްރޮފެޝަނަލް ނެޓްވޯކްތައް ވަރުގަދަކޮށް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަންޒިލްގެ ގޮތުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށް ވީއެމްސީން ވިދާޅުވެއެވެ.
މިފަހަރުގެ އެވޯޑް ހަފްލާ އޮންނާނީ ސެޕްޓެމްބަރު 27 ވަނަ ދުވަހު ކްރޮސްރޯޑްސްގައެވެ.