ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިންތައް ދޫކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާޢަތުތައް ކަނޑައަޅައި، ބިމާ ބެހޭ ޤާނޫނުގެ ދަށުން އެކަމުގެ ޤަވާއިދު އެކުލަވާލާ ޢާއްމުކޮށްފައިވަނީ ނިމިދިޔަ ހަފުތާގެ ތެރޭގައެވެ.
މި ޤަވާއިދުގެ ސަބަބުން ކުރިން ބިން ދޫކުރުމުގައި ހުރި ދަތިތަކާއި ފުށުއެރުންތަކަށް ހައްލު ލިބޭނެއެވެ. ބިމުގެ އަގު ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ލޭންޑް ވެލުއޭޝަން ކޮމިޓީއަކުންނެވެ. އެ ކޮމިޓީގައި ކަމާއި ގުޅުން ހުރި ވުޒާރާތަކުގެ މެމްބަރުން ހިމެނިވަޑައިގަންނަވާއިރު، އެ ކޮމިޓީ ޗެއަރކުރާނީ ކޮމިޓީގެ 9 މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެންބަރެކެވެ.
އައު ޤަވާއިދުގައި ބިމުގެ ދަފްތަރު އަދާހަމަކުރަން ދީފައި ވަނީ 6 މަސް ދުވަހުގެ މުއްދަތެކެވެ. މި ޤަވާއިދު ބުނާގޮތުން 6 ގޮތަކަށް ބިން ދޫކުރެވިދާނެއެވެ. އެއީ ކުއްޔަށްދިނުމާއި، ވިއްކުމާއި، ވަގުތީ ގޮތުން ބެލެހެއްޓުމަށް ދިނުމާއި، ދައުލަތުގެ ވުޒާރާތަކާއި އިދާރާތަކުގެ މަސްޢޫލިއްުޔަތު އަދާކުރުމަށް ދިނުމާއި، ކުއްޔަކާއި ނުލާ ދިނުން އަދި ސަރުކާރުގެ މެޖޯރިޓީ ޙިއްޞާ އޮންނަ ކުންފުނިތަކަށް ދިނުމެވެ.
ބިން ގަންނަ ނުވަތަ ކުއްޔަށް ހިފާ ފަރާތަށް ބިން ރަޖިސްޓަރކުރުމުގައި ދިމާވާ މައްސަލަތަކަށް ބަލާއިރު ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ބިމެއް ރަޖިސްޓްރީކުރުމަށް ވުޒާރާއަށް ދާން ޖެހުމާއި ވުޒާރާއިން ދޫކުރާ ބިން ރަޖިސްޓްރީކޮށްދިނުމުގެ މަސްޢޫލިއްޔަތު ކައުންސިލާއި ހަވާލުވެފައި އޮތުން ހިމެނެއެވެ. އޭގެ ސަބަބުން ބައެއް ބިންތައް ރަޖިސްޓްރީކުރުމުގެ މަރުހަލާ ދިގުލައިގެން ގޮސް، ބިން ގަންނަ މީހާއަށް ގެއްލުމާއި ކުރިމަތިލާން ޖެހިފައިވެއެވެ.
އައު ޤަވާއިދުގައި ބިމުގެ ރަޖިސްޓްރީ ހެދުމުގެ އުސޫލުވެސް ވަރަށް ތަފްސީލުކޮށް ހިމަނާފައިވެއެވެ. އެގޮތުން ބިމުގެ ރަޖިސްޓްރީ ބިމުގެ އިހްތިސާސް އޮތް ފަރާތަށް ލިބިދީފައިވާތީ ކުރިން ބިން ރަޖިސްޓްރީ ހެދުމުގައި ދިމާވާ މައްސަލަތައް މި ޤާނޫނާއި އެކު ނިމުމަކަށް އަންނާނެއެވެ.
މިހާތަނަށް އައިއިރު ބިމާއި ގުޅޭގޮތުން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އެކި ބޭނުންތަކަށް ދޫކުރާ ބިންތަކުގެ މައުލޫމާތު ހާމަކޮށް އެނގެން ނެތުމެވެ. ބިން ދޫކުރި ފަރާތާއި، ބިން ދޫކުރި ބޭނުން އަދި ބިން ދޫކުރި އަގު ފަދަ މައުލޫމާތު އެނގެން ނެތުމުން އެ ބިމާއި މެދު ކަމާއި ގުޅުން ހުރި ފަރާތްތައް ޖަވާބުދާރީކުރުންވަނީ ބޮޑު ގޮންޖެހުމަކަށެވެ.
އެހެންނަމަވެސް، އައު ޤަވާއިދުގެ 22 ވަނަ މާއްދާގައި ބިމުގެ ދަފްތަރު ބެލެހެއްޓުމުގެ ހަރުދަނާ އުސޫލުތަކެއް ހިމަނާފައިވެއެވެ. އެގޮތުން މި ޤަވާއިދުގެ ދަށުން ދޫކުރާ ނުވަތަ ވިއްކާ ހުރިހާ ބިމެއްގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް އެ ތަނެއް ދޫކުރާ ކައުންސިލް ނުވަތަ އިދާރާއިން ބަލަހައްޓަންޖެހެއެވެ. މި ޤަވާއިދުގެ ދަށުން ކައުންސިލްތަކުން ދޫކުރާ އަދި ވިއްކާ ބިންތަކުގެ މައުލޫމާތު ކޮންމެ މަހަކު އެއްފަހަރު ޤައުމީ ބިމުގެ ދަފްތަރު އަދާހަމަކުރުމަށް މިނިސްޓްރީއާ ހިއްސާކުރަންޖެހުމުގެ ސަބަބުން މިނިޒާމް އިތުރަށް ފުރިހަމަވެގެންދެއެވެ.
މީގެއިތުރުން ބިންތައް ސަރުކާރު ކުންފުނިތަކާއި އިދާރާތަކަށް ދޫކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު ބިން ދޫކުރެވޭނެ މަގު ތަނަވަސްވެފައި އެބައޮތެވެ. އެހެންކަމުން ޚިޔާލުތަފާތުވުމުގެ ސަބަބުން ނުވަތަ އެ ނޫންވެސް ސަބަބުތަކާއި ހުރެ ބިން ނުލިބިގެން ރައްޔިތުންނަށް ބޭނުންވާ މުހިންމުކަންކަން ކުރުމުގައިި މަޑުޖެހުންތަކާއި ކުރިމަތިވުން މި ޤަވާއިދާއެކު ނިމުމަކަށް އަންނާނެއެވެ.
މިގަވާއިދުގެ ދަށުން ލޯކަލް ކައުންސިލްތަކާ ހަވާލުކޮށްފައިވާ ކަންކަން ފުރިހަމަކޮށް ތަންފީޒުކުރާނީ އެ ކައުންސިލަކުންނެވެ. ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނަކީ 2003ވަނަ އަހަރު އެކުލަވާލި ޤާނޫނެވެ.