ޚަބަރު

ހޭނައްތާ ޑޮކްޓަރުންގެ ސަރަހައްދީ ބައްދަލުވުން ފުރަތަމަ ފަހަރަށް ރާއްޖޭގައި


  • ބައްދަލުވުން އޮންނާނީ މިމަހުގެ 15 އިން 16އަށް އުކުޅަހުގައި

  • މިބައްދަލުވުމުގައި ސާކް ޤައުމުތަކުން 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވޭ

ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ. މި ބައްދަލުވުން ބާއްވަނީ އއ. އުކުޅަހުގައެވެ.

ދިވެހި ހޭނައްތާ ޑޮކްޓަރުންގެ ޖަމްޢިއްޔާއިން އިންތިޒާމުކޮށްގެން މިމަހުގެ 15 އިން 16 އަށް ބާއްވާ މިކޮންފަރެންސަކީ ޞިއްޙީ ވުޒާރާއާއި ހޮސްޕިޓަލުތަކުގެ އެހީތެރިކަމާއެކު ބާއްވާ ކޮންފަރެންސެކެވެ.

ސާކް ޤައުމުތަކުގެ، ހޭނައްތާ ޑޮކްޓަރުންގެ ޖަމްޢިއްޔާގެ 15 ވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވާއިރު މިއީ މި ބައްދަލުވުން ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުން ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އެނެސްތީސިއޮލޮޖީ ދާއިރާގެ ތަޖުރިބާކާރުން އެއް މަންސައަކަށް ގެނެސް، ދާއިރާގެ އެންމެ ފަހުގެ ކުރިއެރުންތަކާ ގުޅޭ މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރުމެވެ. އަދި މިއީ ގުޅުންތައް ބަދަހިކުރުމަށް ލިބޭ ފުރުޞަތެއްކަމަށް ހޭނައްތާ ޑޮކްޓަރުންގެ ދިވެހި ޖަމްޢިއްޔާއިން ބުނެއެވެ.

އުކުޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިބައްދަލުވުމުގައި މިދާއިރާގައި ހަރަކާތްތެރިވާ ދިވެހިން ހިމެނޭހެން 200 އަށްވުރެ ގިނަ މަންދޫބުން ރަޖިސްޓްރީކޮށްފައިވާކަމަށް ދިވެހި ހޭނައްތާ ޑޮކްޓަރުންގެ ޖަމްޢިއްޔާއިން ބުނެއެވެ. މި ބައްދަލުވުގައި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން މިދާއިރާގައި ފާހަގަކޮށްލެވޭ ޑޮކްޓަރުންނާއި ތަޖުރިބާކާރުން ބައިވެރިވެ ކީނޯޓް ސްޕީޗް ދޭނެ ކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ޑރ.އަހުމަދު އަޝްރަފް ވިދާޅުވީ، މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމުން ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ. އަދި މިދާއިރާ ރާއްޖޭގައި ކުރިއަރުވައި، ދާއިރާއިން ރާއްޖޭގައި ތިބެގެން ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު ހޯދުމަށް މަގުފަހިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މީގައި އަޅުގަނޑުމެންނަށް ކުރިއަށްގެންދާނެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކުރެވިދާނެ. ރާއްޖޭގައި އެނެސްތީސިއޮލޮޖީ ދާއިރާގައި ކިޔަވައި ދިނުމަށް ހުރި ފުރުސަތުތަކާބެހޭ ގޮތުން އެކްސްޕްލޯ ކުރެވިދާނެ. އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ކޮލަބޮރޭޓް ކުރެވޭނެ އޭރިއާސްތައް އައިޑެންޓިފައި ކުރެވި އެކަމަށް މަގުފަހިގެވެގެން ދިއުން" ޑރ. އަޝްރަފް ވިދާޅުވިއެވެ.

ދިވެހި ހޭނައްތާ ޑޮކްޓަރުންގެ ޖަމްޢިއްޔާގެ ފަރާތުން ވާހަކަ ދައްކަވަމުން، އައިޖީއެމް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އިން އެނެސްތެސިއޮލޮޖިސްޓް އެންޑް ޕެއިން ސްޕެޝަލިސްޓް ޑރ. އަސްއަދު މުހައްމަދު ޝަހީދު ވިދާޅުވީ، މީގެ ކުރިންވެސް ރާއްޖޭގައި މި ބައްދަލުވުން ބޭއްވުމުގެ ފުރުސަތު ލިބުނު ނަމަވެސް އޭރު ރާއްޖޭގައި ބައްދަލުވުން ބޭއްވިފައި ނުވަނީ ރާއްޖޭގައި މިދާއިރާގައި ހަރަކާތްތެރިވާ ދިވެހި ޑޮކްޓަރުން މަދުވުމުންކަމަށެވެ.

"މީގެ ކުރިންވެސް ބޭއްވުމުގެ ފުރުސަތު އޮތް. އެހެންނަމަވެސް ރާއްޖޭގައި ހޭނައްތާ ޑޮކްޓަރުން ވަރަށް މަދު އެސޯސިއޭޝަންގައިވެސް. 80 ގެ އަހަރުތަކުގައި އެންމެ ބޭފުޅަކު ހުންނެވީ. އޭގެ ފަހުންވެސް ދިވެހި އެއް ޑޮކްޓަރު އުޅުމަށް ފަހު މިހާރު އަޅުގަނޑުމެންގެ ދިވެހި 11 ޑޮކްޓަރުން މިދާއިރާގައި ހަރަކާތްތެރިވޭ. މިއަދަދުގައި ހުންނަތާ އަދި މިވީ 2 3 އަހަރު. ފުރުސަތު ލިބިފައިވެސް ނުވެ އޮތީ އަޅުގަނޑުމެން ކެޕޭސިޓީ ނެތީމަ." ޑރ. އައްސަދު ވިދާޅުވިއެވެ.

މި ކޮންފަރެންސް ފެށުމުގެ އެއްދުވަސް ކުރިން މާލެ ސަރަހައްދުގެ 4 ހޮސްޕިޓަލެއްގައި ބައްދަލުވުމުގައި ބައިވެރިވާ ފަންނީ ތަޖުރިބާކާރުން މެދުވެރިވެ ދިވެހި ޑޮކްޓަރުންނަށް ޚާއްސަ ވޯކްޝޮޕުތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މާލެ ސަރަހައްދުގެ 4 ހޮސްޕިޓަލުގައި އެއްފަހަރާ ކުރިއަށް ގެންދާ ވޯކްޝޮޕްތަކުގައި 120 ޑޮކްޓަރުން ބައިވެރިވުމަށް ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

ވޯކްޝޮޕްތައް ކުރިއަށްގެންދާ ހޮސްޕިޓަލްތަކާއި ދާއިރާތައް

ހުޅުމާލެ ހޮސްޕިޓަލް - ކްރިޓިކަލް ކެއަރ ވޯކްޝޮޕް
ޓްރީޓޮޕް ހޮސްޕިޓަލް - ކްރޮނިކް ޕެއިން މެނޭޖްމަންޓް
އޭޑީކޭ ހޮސްޕިޓަލް - އެއަރވޭއި މެނޭޖްމަންޓް
އައިޖީއެމްއެޗް - ރީޖަނަލް އެނެސްތީސިއާ

ދެދުވަހުގެ މުއްދަތަށް އުކުޅަހުގައި ބާއްވާ ކޮންފަރެންސްގެ ސަބަބުން މިދާއިރާގައި ރާއްޖޭގެ ފަންނީ ޤާބިލްކަން އިތުރުކުރުމުގެ ފުރުސަތު ލިބި، ޞިއްޙީ ދާއިރާގެ ކުރިއެރުމާއެކު އިޤްތިޞާދީ ކުރިއެރުންވެސް ލިބޭނެ ކަމަށް ޞިއްޙީ ވުޒާރާއިން ޤަބޫލުކުރައްވައެވެ.