ޚަބަރު

ހުރްމުޒް ކަނޑުއޮޅި ހުޅުވުމުގެ އުއްމީދު ކުޑަވެ، ތެލުގެ އަގު އުފުލިއްޖެ


އެމެރިކާއާއި އީރާނާ ދެމެދު ވެވުނު އެބަސްވުމުގައި ހިމެނޭ މާއްދާތަކަށް އެމެރިކާއިން ކިޔަމަންތެރިނުވާނަމަ ހުރްމުޒް ކަނޑުއޮޅި ފުރިހަމައަށް ނުހުޅުވާނެ ކަމަށް އީރާނުން ބުނުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ތިން އިންސައްތައަށް މައްޗަށް ޖެހިލައިފިއެވެ.

ބްރެންޓް ކްރޫޑްގެ އަގު 3 އިންސައްތަ މަތިވެ، ފީފާއެއްގެ އަގު އުޅެނީ 86.03 އެމެރިކާ ޑޮލަރުގައެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ އަގުވެސް 3.1 އިންސައްތަ މަތިވެ ފީފާއެއްގެ އަގު ވަނީ 80.61 ޑޮލަރަށް އުފުލިފައެވެ.

ދިގު މުއްދަތަކަށް ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް އޮވެފައި، އެ މަގު ހުޅުވާލުމަށް އީރާނާއި ޢުމާން ދެމެދު އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދު ލިބުމާއެކު، ވޭތުވެދިޔަ ހަފުތާގައި ތެލުގެ އަގު ވަނީ 7 އިންސައްތަ ދަށަށް ޖެހިލާފައެވެ.

އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅީގައި ބޭނުންކުރާނެ އައު ދަތުރުފަތުރުގެ މަގުތައް ކަނޑައެޅުމަށް ޢުމާންއާއެކު ވެވޭ އެއްބަސްވުން އެންމެ ފަހުގެ މަރުޙަލާއަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް، ހުރްމުޒް ކަނޑުއޮޅި ހުޅުވާލެވޭނީ އެމެރިކާއިން ބަދަލު ދިނުމާއި، ދަތިކުރުމުގެ ފިޔަވަޅުތަކާއި، އަސްކަރީ އިންޒާރުތައް ނިމުމަކަށް ގެނައުން ހިމެނޭހެން، އެހެނިހެންވެސް އެތައް ޝަރުޠުތައް ފުރިހަމަކުރުމުން ކަމަށް އީރާނުން ތަކުރާރުކޮށް ބުނެފައިވެއެވެ.

އެމެރިކާއިން ޖޫން މަހު ސޮއިކުރި ވަގުތީ އެއްބަސްވުމާ ޚިލާފުވަމުންދާހާ ހިނދަކު، އެގައުމާއިއެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވަނީ ވިދާޅުވެފައެވެ.

އެސްއީބީ ރިސާޗްގެ އެނަލިސްޓުން ވިދާޅުވީ، ކަނޑުއޮޅި އަދިވެސް ބަންދުކޮށްފައި އޮތް ނަމަވެސް، ކައިރި މުސްތަޤުބަލެއްގައި ޙައްލެއް ލިބޭނެ ކަމުގެ އުންމީދު އޮތްކަމަށެވެ.

މީފެ އިތުރުން، ވަކިން ނެރުނު ބަޔާނެއްގައި ގަލްފުގެ ތެޔޮ ކުންފުނި އެޑްނޯކުން ބުނީ، ހަނގުރާމަ ފެށުނީއްސުރެ ހުރްމުޒް ކަނޑުއޮޅި ހުރަސްކުރި އެކުންފުނީގެ 15 އުޅަންދަކަށް ހަމަލާދީފައިވާ ކަމަށެވެ.