ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި


  • މަސްތުވާތަކެތި ހުރި 153 ސެލޯފިންކޮޅު ފެނިފައިވޭ

  • މި ތަކެތީގެ ވަގުތީ ބަރުދަނަކީ 108.16 ގުރާމު

މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 30 ވަނަ ދުވަހު ހުޅުމާލެ ފޭސް 1ގެ ފުލުހުން ޕެޓްރޯލް ކުރިއިރު ހުޅުމާލެ ލޮޓް 11279 ކައިރިން، އޭނާއަށް ފުލުހުން ފެނުމުން އެއްޗެއް ފޮރުވައި ދުވެފައިގޮސް ފިލަން މަސައްކަތްކުރުމާ ގުޅިގެން ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އަދި އޭނާ ފޮރުވަން މަސައްކަތްކުރި ތަކެތި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 153 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 108.16 ގުރާމު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.