ޚަބަރު

"ރެގާރު ޓަޑާޒް މެޗު އެއީ ބޮޑު ޗެލެންޖެއް، މޮޅުވާން ވަރަށް މަސައްކަތްކުރަންޖެހޭނެ"


  • މިއީ ޒުވާން ކުޅުންތެރިންގެ ފެންވަރު ދައްކާލަން ލިބޭ ފުރުސަތެއް

އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތަޖިކިސްޠާނުގެ ރެގާރު ޓަޑާޒްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަކީ ބޮޑު ޗެލެންޖެއް ކަމަށާއި، އެ މެޗުން މޮޅުވާން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަންޖެހޭނެކަމަށް މާޒިޔާގެ ކޯޗު. ޗެކް ރިޕަބްލިކްގެ ތޯމަސް ޓްރުޗާ ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ޕްރީ މެޗް ކޮންފަރެންސްގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ވަނީ، ރެގާރު ޓަޑާޒްއަށް މި މެޗުގައި އެޑްވާންޓޭޖްތަކެއް ހުރިކަން، އަދި މާޒިޔާއާ އަޅާ ބަލާއިރު އެ ޓީމަކީ ވަރުގަދަ ޓީމެއްކަން ފާހަގަކޮށްފައެވެ.

އެގޮތުން، އެ ޓީމުގެ ކޯޗަކީ ޓީމާއެކު ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ފަރާތެއްކަމާއި، ޓީމުގެ މައިގަނޑު ކުޅުންތެރިން ނުވަތަ "ކޯ ޕްލެޔަރުން" ނަކީ އެކުގައި އެ ޓީމުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ކުޅުންތެރިންތަކެއްކަން، މީގެ 11 ވަރަކަށް ދުވަސް ކުރިން މާޒިޔާގެ ކޯޗުކަމާ ހަވާލުވި ޓްރުޗާ ފާހަގަކުރިއެވެ.

މިއީ ބޮޑު ޗެލެންޖަކަށް ވާނެ ކަމަށާއި، މެޗުން މޮޅުވާން ބޭނުންނަމަ، ވަރަށް ބުރަ، ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭނެކަމަށް ކޯޗު ޓްރުޗާ ބުންޏެވެ.

"އެ ޓީމަކީ (ރެގާރު ޓަޑާޒް) އަކީ އަހަރުމެންނަށްވުރެ މާ ކުރީގައި އުޅޭ ބައެއް. މިހާރު ހުރި ކޯޗާއެކު އެމީހުން މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެ. ހަމަ ގައިމުވެސް އަހަރެން މާޒިޔާއާއިއެކު މަސައްކަތްކުރި ދުވަސްތަކަށްވުރެ ގިނަ ދުވަސް ވެއްޖެ. ބިދޭސީ ކުޅުންތެރިންތަކެއް މިފަހުން އެ ޓީމާ ގުޅުނު ނަމަވެސް، ޓީމުގެ ކޯ ކުޅުންތެރިން އެކުގައި އެ ޓީމުގައި ކުޅޭތާ ދުވަސްތަކެއް ވެއްޖެ. މިއީ ބޮޑު ޖެލެންޗެއް. އެކަމަކު އަހަރުމެންގެ ވަޒީފާއަކީ މޮޅުވާން މަސައްކަތްކުރުން. އެކަމަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ". ޓްރުޗާ ބުންޏެވެ.

މެޗުން މޮޅުވާން ކުރާ މަސައްކަތުގައި، މާޒިޔާގެ ފުރަތަަމަ 11ގެ އިތުރުން، ބެންޗުން ކުޅެން އަރާ ކުޅުންތެރިންވެސް އެ ކުޅުންތެރިއެއްގެ "ބެސްޓް" ދައްކަންޖެހޭނެކަމަށް ޓްރުޗާ ބުންޏެވެ.

"މެޗުން މޮޅުވާން ހުރިހާ ކުޅުންތެރިންވެސް 100 އިންސައްތަ ދޭންޖެހޭ. މި ދައްކަނީ ފަށާ 11 ކުޅުންތެރިންނާއި ބެންޗުން ކުޅެންއަރާ ކުޅުންތެރިންވެސް. ހަމައެކަނި ފަށާ 11 އާއި އަހަރެންނެއް ނޫން މަސައްކަތްކުރަން ޖެހޭނީއެއް. މިޑްފީލްޑަރުން ޖެހޭނެ މެޗު ކޮންޓްރޯލްކުރަން. ކީޕަރު ޖެހޭނެ އޭނަގެ ބެސްޓު ދައްކަން. ދުވަހަކުވެސް ޑިފެންޑު ނުކުރާހާ މޮޅަށް ސެންޓްރަލް ޑިފެންޑަރުންނާއި ފުލްބެކުން ޑިފެންޑު ކުރަން ޖެހޭނެ. މެދުތެރެއިން ޖެހޭނެ ޖާގަ ހޯދައިގެން ފުރުސަތުތައް ތަނަވަސްކޮށްދޭން. ވިންގަށް ކުޅޭ ކުޅުންތެރިން ޖެހޭނެ ދުވަހަކުވެސް ނުދުވާ މިންވަރަށް ދުވަން. ސްޓްރައިކަރު ޖެހޭނެ ލަނޑުޖަހަން. އެހެންވީމަ ހުރިހާ ކުޅުންތެރިން ވެސް ބެސްޓް ދޭން ޖެހޭނެ". ކޯޗު ޓްރުޗާ ބުންޏެވެ.

ކޯޗު ޓްރުޗާގެ އިރުޝާދުގެ ދަށުން ކުޅޭ ތިންވަނަ މެޗުގައި މާޒިޔާއިން އޭއެފްސީ ޗެލެންޖް ލީގުގައި ރެގާރު ޓަޑާޒްއާ ދެކޮޅަށް ނުކުންނައިރު މި މެޗުން މޮޅުވެގެން މާޒިޔާއަށް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދޭނެއެވެ.

މުބާރާތުގެ ފޯމެޓަށް ގެނައި ބަދަލާއެކު ރާއްޖެއިން އެއް ޓީމަށް މުބާރާތުގެ ޖާގައެއް ލިބޭއިރު ރޭންކު ކުރެވިފައިވާގޮތުން ރާއްޖެ މިދިޔަ އަހަރުވެސް އަދި މި އަހަރުވެސް ޖެހުނީ ޕްލޭއޮފް ބުރުގައި ނުވަތަ ޕްރިލިމިނަރީ ބުރުގައި ކުޅޭށެވެ. އެހެންނަމަވެސް ފޯމެޓަށް ގެނައި ބަދަލާއެކު ކުޅުނު ފުރަތަމަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ކުޅުނުއިރު، އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މާޒިޔާ ވީ ބައްޔެވެ.

މިފަހަރުގެ މުބާރާތުގެ ޕްރިލިމިނަރީ ބުރުގައި ރާއްޖެއާއި މާޒިޔާ ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ 15:00ގައެވެ. މި މެޗު ކުޅޭނީ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.