64 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ފާތިމަތު ދީމާ އަލީ ހޯދިއިރު، ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއިލް ހޯދައިފިއެވެ.
މިދިޔަ އަހަރުގެ ޤައުމީ މުބާރާތުގެ ފައިނަލުގައި ވެސް ކުޅުނީ އެއް ކުޅުންތެރިންތަކެކެވެ. އެގޮތުން މިދިޔަ އަހަރުވެސް އަންހެން ސިންގަލްސްގައި ދީމާއާ ދެކޮޅަށް ނުކުތީ އައިޝަތު ރަފާ ނާޒިމްއެވެ. އަދި ފިރިހެން ސިންގަލްސްގައި ޝައްފާންއާ ދެކޮޅަށް ނުކުތީ މޫސާ މުންސިފްއެވެ. އެ ފަަހަރުގެ ސިންގަލްސް ފައިނަލުގައި ވެސް ޝައްފާން ވަނީ މުންސިފް ބަލިކޮށްފައެވެ.
ފަސް އަހަރު ފަހުން މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ރަފާ ވަނީ ދީމާގެ މައްޗަށް ކުރިހޯދައިފައެވެ. އެކަމަކު މި ފަހަރުގެ މުބާރާތުން ހޯދި ކާމިޔާބީއާއެކު ދީމާ އަނެއްކާވެސް މި ވަނީ ޤައުމީ މުބާރާތް ކާމިޔާބުކޮށްފައެވެ.
އަންގާރަ ދުވަހު ހަވީރު މާލޭ ޓީޓީ ހޯލުގައި ކުޅުނު އަންހެން ސިންގަލްސްގެ ފައިނަލުގައި އައިޝަތު ރަފާ ނާޒިމްގެ މައްޗަށް ދީމާ ކުރިހޯދީ 4-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 11-09 އިން ރަފާ ގެންދިޔަ ނަމަވެސް ޖެހިގެން އައި ތިން ސެޓު ދީމާ ވަނީ 11-05، 11-05، 11،08 އަދި 12-10 އިން ކާމިޔާބުކޮށްފައެވެ.
މި މެޗުގައި އެންމެ ވާދަވެރިކޮށް ފެނިގެންދިޔައީ ފަހު ސެޓެވެ. އެ ސެޓުގެ ބޮޑުބައި ރަފާ ލީޑުގައި އޮވެގެން ކުޅުނު ނަމަވެސް ދީމާ ވަނީ ސެޓުގެ ފަހުކޮޅު ވިސްނުންތެރިކަމާއެކު ކުޅެ، ކައިރިކައިރީގައި ގިނަ ޕޮއިންޓްތަކެއް ސްކޯކޮށް ސެޓު އަނބުރާލާފައެވެ.
ފިރިހެން ސިންގަލްސް ފައިނަލުގައި މުންސިފްގެ މައްޗަށް ޝައްފާން ކުރިހޯދީ 4-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ތިން ސެޓުގައި ވެސް ޝައްފާން ފެނިގެންދިޔައީ ވަރުގަދަކޮށެވެ. އެގޮތުން މި ތިން ސެޓު ޝައްފާން ގެންދިޔައީ، 11-09، 11-09 އަދި 11-04 އިންނެވެ.
ޖެހިގެން އައި ހަތަރުވަނަ ސެޓުގައި ޝައްފާންގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު މުންސިފް ގެންދިޔައީ، 11-05 އިންނެވެ. އެކަމަކު ފަސްވަނަ ސެޓުގައި ޝައްފާން ވަނީ ފުރަތަމަ ތިން ސެޓުގެ ކުޅުން ތަކުރާރުކޮށް 11-08 އިން ސެޓު ކާމިޔާބުކޮށްފައެވެ.
ޤައުމީ މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ޝައްފާންއާ ދީމާ ހޯދިއިރު، މި މުބާރާތުގެ ޑަބަލްސް ޗެމްޕިއަނުންނަކީ ޝައްފާންއާ ދީމާގެ ޕެއާއެވެ.