ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ހިންގާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ބ. އަތޮޅުގެ ދެ ގުރޫޕުގެ މެޗުތައް ނިމި، ސެމީ ފައިނަލް މެޗުތައް މިއަދު ފަށާނެއެވެ.
މުބާރާތުގައި ބ. އަތޮޅުން ޖުމްލަ ހަ ޓީމު ބައިވެރިވިއެވެ. އެ ހަ ޓީމު ބަހާލީ ދެ ގުރޫޕަކަށެވެ. ގްރޫޕް އޭގައި ވާދަކުރީ އޭދަފުއްޓާއި، މާޅޮހުގެ އިތުރުން ގޮއިދޫއެވެ. ގްރޫޕް ބީގައި ވާދަކުރީ ދޮންފަނާއި ތުޅާދޫގެ އިތުރުން ފެހެންދޫއެވެ.
މި ދެ ގުރޫޕުގެ މެޗުތައް ވެސް ކުޅުނީ ބ. އޭދަފުށީ ފުޓްސަލް ދަނޑުގައެވެ.
ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު ގްރޫޕް "އޭ" އިން ސެމީގެ ޖާގަ ހޯދީ ގޮއިދޫއާއި އޭދަފުއްޓެވެ. އޭދަފުށިން ސެމީއަށް ދަތުރުކުރީ ގްރޫޕްގެ އެއްވަނައިގެ ގޮތުގައެވެ. ގޮއިދޫއަށް ލިބުނީ ދެވަނައެވެ. މި ގުރޫޕުގައި ވާދަކުރި ތިން ޓީމަށް ވެސް ތިން ޕޮއިންޓު ލިބިފައިވާއިރު، ފައިދާ ގޯލުގެ ގޮތުގައި ތިން ޓީމަށް ވެސް އެއްވެސް ގޯލެއް ނެތެވެ.
މި ގުރޫޕުން ސެމީގެ ޖާގަ ހޯދާ ދެ ޓީމު ކަނޑައަޅަން ޖެހުނީ ޖެހި ލަނޑުގެ އަދަދަށް ބަލައިގެންނެވެ. އޭދަފުއްޓާއި ގޮއިދޫއިން ހަތަރު ލަނޑު ޖެހިއިރު މާޅޮހުން ޖެހީ ތިން ލަނޑެވެ. އޭދަފުއްޓަށް ތާވަލުގެ އެއްވަނަ ލިބެނީ ގްރޫޕް ސްޓޭޖުގައި މާޅޮހާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެފައިވާތީއެވެ.
ގްރޫޕް "ބީ" އިން ސެމީގެ ޖާގަ ހޯދީ ދޮންފަނާއި ތުޅާދޫއެވެ. ދޮންފަނުން ސެމީއަށް ދަތުރުކުރީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓާއެކުއެވެ. ތުޅާދޫ ސެމީއަށް ދިޔައީ ތިން ޕޮއިންޓާއެކުއެވެ. ފުލުގައި އޮތް ފެހެންދޫއަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.
ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު ސެމީގައި ބައްދަލުކުރާނީ ފުރަތަމަ މެޗުގައި ގޮއިދޫއާއި ތުޅާދޫއެވެ. އެ މެޗު ކުޅޭނީ މިއަދު 16:45ގައެވެ. އަދި ސެމީގެ ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ އޭދަފުއްޓާއި ދޮންފަނެވެ. އެ މެޗު ފަށާނީ 20:30ގައެވެ.