ޚަބަރު

"ރަސްމީ ރޭޓުގައި ޑޮލަރުގެ މުޢާމަލާތްކުރެވޭ މިންވަރު ވަނީ އިތުރުކުރެވިފައި"


  • މީގެ 4 އަހަރުކުރިއާ މިހާރު އިތުރުކުރެވިފައިވާ މިންވަރު އަޅާކިޔުއްވި

  • ހުރިހާ ދާއިރާއަކުންވެސް ޑޮލަރު ދޫކުރާ މިންވަރުވަނީ އިތުރުކުރެވިފައިވާކަން ފާހަގަަކުރެއްވި

ރަސްމީ ރޭޓުގައި ޑޮލަރުގެ މުޢާމަލާތްތަކުރާ މިންވަރު އެތައް ގުނައެއް އިތުރުކުރެވިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރުގެވަނީ ބޭންކުން މީގެ 4 އަހަރު ކުރިން ޑޮލަރު ދޫކުރަމުންދިޔަ މިންވަރަށާއި މިހާރު ދޫކުރަމުންދާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ޑޮލަރުގެ މުޢާމަލާތްތަކާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ފާޑު ވިދާޅުވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ޑޮލަރުގެ ވާހަކަ މިހާރު އިދިކޮޅުން ދައްކަމުންދާ މައިގަނޑު ސަބަބަކީ މުޒާހަރާއަށް މީހުން ނެރުމަށްކަމަށެވެ. ޑޮލަރުގެ މުޢާމަލާތްތަކަށް އަންނަ ބަދަލު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ބޭންކް ކާޑުތަކުން 2021ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް ނަގާފައިވަނީ 10 މިލިއަން ޑޮލަރުކަމަށެވެ. ނަމަވެސް މިހާރު އެޢަދަދު 39 މިލިޔަނަށް އަރާކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކަށް ޓީޓީ ހެދުމަށް 2021 ވަނަ އަހަރު 6.7 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު މިހާރު ޓީޓީ ހެދުމަށް މަހެއްގެ މައްޗަށް 26.6 މިލިއަން ދޫކުރަމުންދާކަމަށް ވިދާޅުވިއެވެ. މީގެކުރިން އެންމެ 5 އިންސައްތައިގައި އިމްޕޯޓުކުރާ ފަރާތްތަކަށް ދެމުންދިޔަ މާލީ އެހީ މިހާރު %30 އާއި %40އާ ދެމެދު އިތުރުކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޑޮލަރުގެ މުޢާމަލާތްތަކުގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިނގާ އަނެއް ދާއިރާއަކީ މަތީ ތައުލީމުގެ ދާއިރާއަށެވެ. އެދާއިރާއިން 2021 ވަނައަހަރު 1.9 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު މިހާރު ދެގުނަ އިތުރުކޮށް މަހެއްގެ މައްޗަށް 3.6 މިލިއަން ޑޮލަރު ދަނީ ދޫކުރަމުންނެވެ. މީގެއިތުރުން ބޭސްފަރުވާއަށް 2021ވަނަ އަހަރު 159000 (އެއްލައްކަ ފަންސާސް ނުވަހާސް) ޑޮލަރު ދޫކޮށްފައިވާއިރު 2022 ވަނަ އަހަރު 3 ލައްކަ ޑޮލަރަށްވެސް ނާރާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިހާރު މަހެއްގެ މައްޗަށް 3 މިލިއަން ޑޮލަރު ބޭސްފަރުވާއަށް ދޫކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެކުރިން ބޭރަށް ދާފަރާތްތަކަށް 1.5 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު މިހާރު އެޢަދަދު 10 މިލިއަނަށް އިތުރުކޮށްފައިވާކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ މިހުރިހާ ޑޮލަރެއްވެސް ބޭންކުން ދޫކުރަމުންދަނީ ރަސްމީ ރޭޓުގައިކަމަށެވެ. އެހެންކަމުން ޑޮލަރުގެ މުޢާމަލާތްތައް މިހާރު ހުއްޓިފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.