ޚަބަރު

ފަހު މެޗުން ލަންކާ އަތުންވެސް ރާއްޖެއަށް ނާކާމިޔާބީ


  • މެޗުން ރާއްޖެ ބަލިވީ 33-78އިން

  • މުބާރާތުގައި ރާއްޖެ މޮޅުވީ އިންޑިއާ އަތުން އެކަނި

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެއިން ކުޅުނު ފަހު މެޗުގައި ސްރީލަންކާ އަތުންވެސް ބަލިވެއްޖެއެވެ.

މުބާރާތުގައި ރާއްޖެ ވަނީ ޖުމްލަ ފަސް މެޗު ކުޅެފައެވެ.

ފުރަތަމަ މެޗުގައި ރާއްޖެ ނުކުތީ ސަރަހައްދީ އެންމެ ބޮޑު ބާރެއްގެ ގޮތުގައި އޮތް ސިންގަޕޫރާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވީ 19-81އިންނެވެ. އަދި ދެވަނަ މެޗުގައި މެލޭޝިއާ އަތުން 32-78އިން ރާއްޖެ ބަލިވިއިރު ތިންވަނަ މެޗުން ރާއްޖެ ވަނީ އިންޑިއާ އަތުން 41-60އިން މޮޅުވެފައެވެ.

މުބާރާތުގައި ކުޅުނު ހަތަރުވަނަ މެޗުގައި ރާއްޖެއިން ކުޅެން ޖެހުނީ މުބާރާތް ބާއްވާ ގައުމު، ހޮންގ ކޮންގާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވީ 34-55ގެ ނަތީޖާއަކުންނެވެ.

ޖެހިޖެހިގެން ފަސް ދުވަހު، ފަސް މެޗު ކުޅެން ޖެހުނު މި މުބާރާތުގެ ފަހު މެޗުގައި ރާއްޖެއިން ސްރީލަންކާއާ ދެކޮޅަށް ނުކުތްއިރު، މި މެޗުން ރާއްޖެ ބަލިވީ 33-78އިންނެވެ.

ފަހު މެޗުގައި ލަންކާ އަތުން ރާއްޖެ ބަލިވިއިރު، މި ސަރަހައްދުގައި ނެޓްބޯޅައިގެ އެންމެ ވަރުގަދަ ތިން ޓީމުގެ ގޮތުގައި ފާހަގަކުރެވެނީ ސިންގަޕޫރާއި މެލޭޝިއާގެ އިތުރުން ސްރީލަންކާއެވެ.

މި ތިން ޓީމަކީ 1985ވަނަ އަހަރު ބޭއްވި އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގެ ފުރަތަަމަ މުބާރާތުން ފެށިގެން ގަވައިދުން، މުބާރާތުގެ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ޓީމެވެ.

ރައުންޑް ރޮބިން އުސޫލުން ލީގު ފޯމެޓަށް، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް މެޗުތައް ކުޅުމަށްފަހު އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ހަތަރު ޓީމެއް ސެމީ ފައިނަލުގައި ކުޅޭނެއެވެ. ރާއްޖެއާއި މި ފަސް ޓީމު ހިމެނެނީ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގެ "ކަޕް ޑިވިޝަން" ގައެވެ.