ޚަބަރު

މެސީ އެނބުރި ކުޅުމުގެ ތެރެއަށް، ބަލިވެ ޓީމް ކަޓައިފި!


  • މެސީ ކުޅެން ނިކުތީ ދެވަނަ ހާފްގެ ފުރަތަމަ މިނިޓްގައި

ބައްޕަ މަރުވުމުން ވަރަށް އަވަހަށް ކުޅުން ހުއްޓަލަފާނެ ކަމުގެ އިޝާރާތެއް ދިންތާ 24 ގަޑިއިރުގެ ތެރޭގައި މެސީ ކުޅުމުގެ ތެރެއަށް އަތުވެއްޖެއެވެ.
މިމަހުގެ 7 ވަނަ ދުވަހު މެސީގެ ބައްޕަ މަރުވުމުން ކުޅުމާ އަދި ޓީމާވެސް ދުރުގައި ހުރި މެސީ އެނބުރި އައީ މޮޅުވާން މަޖުބޫރު މެޗެއްގައި ލީގުކަޕްގައި މެކްސިކޯގެ ލެއޮންއާ ދެކޮޅަށެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެސީ ކުޅެން ނިކުއިން ނަމަވެސް 3-2 ން ބަލިވެ، މެސީގެ ޓީމް ވަނީ ލީގު ކަޕުން ކަޓާފައެވެ. މެޗުން އިންޓަރ މިއާމީ ބަލިވީ ފުރަތަމަ ހާފް ނިމެނިކޮށް ލީޑްވެސް ނަގާފައި ވަނިކޮށެވެ. މެސީ ކުޅެން ނިކުތީ 1-0 ން އިންޓަރ މިއާމީ ލީޑްގައި ވަނިކޮށް، ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައެވެ. އެއީ ލީޑްނަގައިދިން ޑެނިއެލް ޕްރިންޓަރގެ ބަދަލުގައެވެ. މެސީ ކުޅެން ނިކުމެފައި މިވަނީ އޭނާގެ ބައްޕަ މަރުވުމުން ކުޅުން ހުއްޓާލަފާނެ ކަމުގެ އިޝާރާތެއް ދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

މިމެޗުގެ ކުރިން އިންޓަރ މިއާމީން ހޮނިހިރު ދުވަހު މޮންޓެރޭ އަތުން ބަލިވި މެޗުގައިވެސް މެސީ ނުކުޅެއެވެ. އެކަމަކު މިއަދު މެސީ ކުޅެން ނިކުތީ އަމިއްލައަށް ބޭނުންވެގެން ކަމަށް ރިޕޯރޓްތައް ބުނެއެވެ. މެސީގެ އަވަސް އެނބުރި އައުމަކީ އިންޓަރ މިއާމީ ކުޅުންތެރިންނަށްވެސް ގަބޫލުކުރަން ދަތިކަމެއް ކަމަށް ރިޕޯރޓްތައް ބުނެއެވެ. މެޗުގައި އިންޓަރ މިއާމީގެ ދެވަނަ ލަނޑު ޖެހި ޔަނިޗް ބްރައިޓް ބުނީ މެޗަށް މެސީ އެނބުރި އައުމަކީ އުއްމީދު ކުރިކަމެއް ނޫން ކަމަށާއި، އަވަސް އެނބުރި އައުމުން ދޭހަކޮށްދެނީ މެސީ ވިސްނާވަރު ކަމަށެވެ. އަދި މެސީ ފެނުމުން އޭނާއަށްޓަކައިވެސް ދަނޑުމަތީގައި %150 ދޭން އޭނާއަށް ހިތްވަރު ލިބުނު ކަމަށް ބުންޏެވެ.

ލެއޯން ކޯޗު ހާވިއޭ ގަންޑޮލްފީ ބުނީ މެސީއަކީ އެހެން ކުޅުންތެރިންނާ މުޅިން ތަފާތު އިންސާނެއް ކަމަށެވެ. އެކަން މެޗުންވެސް ދައްކައިދީފި ކަމަށް ބުންޏެވެ. ލީގު ކަޕަކީ އެމެރިކާގެ އިތުރުން މެކްސިކޯއާއި ކެނެޑާ ލީގުގެ ކްލަބްތަކުން ވާދަކުރާ މުބާރާތެކެވެ. މިއީ މުބާރާތް ތަޢާރަފްކުރި ފަހުން މުބާރާތުގެ ފުރަތަމަ މަރުހަލާއިން އިންޓަރ މިއާމީ ކެޓި ފުރަތަމަ ފަހަރެވެ. މިމުބާރާތުގެ ފޯމެޓް ބަދަލުކޮށް، ތިން ގައުމަށް ފުޅާކުރީ މެސީ އިންޓަރ މިއާމީއާ ގުޅުނު 2023 ވަނަ އަހަރުއެވެ. އެއަހަރު މުބާރާތް ކާމިޔާބުކުރީވެސް އިންޓަރ މިއާމީއެވެ. މުބާރާތް ތަޢާރަފްކުރީ 2019 ވަނަ އަހަރުއެވެ.

މެސީގެ ބައްޕަ ޖޯޖް 68 އަހަރުގައި މަރުވީ ބަލިވެ އުޅޭތާ ގިނަ ދުވަސްތަކެއް ފަހުން އާޖެންޓީނާގެ ރޮސާރިއޯގައެވެ. ޖޯޖްއަކީ މެސީގެ އެޖެންޓްވެސް މެއެވެ. އަދި ވިޔަފާރި ޕާޓްނަރެއްގެ ގޮތުގައިވެސް އިސްކޮށް ހަރަކާތްތެރިވީ ބައްޕަ ޖޯޖް އެވެ.