ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖެއަށް މޫސުން ގޯސް


  • މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ވިއްސާރަ ކުރާނެ

  • ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ

  • ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވޭ

މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިޔަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

ރާއްޖޭގެ ކަނޑުތަކަށް ބަލާލާއިރު، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. ނަމަވެސް، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. ރާޅުގެ އުސްމިން ދެކުނުގެ އަތޮޅުތަކުގައި ހުންނާނީ، 2 ފޫޓާއި 4 ފޫޓާ ދެމެދުގައި ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކުގައި ރާޅުގެ އުސްމިން ހުންނާނީ، 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށްވެސް އެއިދާރާއިން މައުލޫމާތުދެއްވައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާއި ގުޅޭ އިދާރާތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މެޓް އޮފީހުން ވިދާޅުވީ، މާދަމާއިން ފެށިގެން ވިއްސާރަ އަލިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ، ފ.މިލަންދޫށެވެ. އެއީ، 34.8 މިލިމީޓަރުގެ ވާރޭއެވެ. 2ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ، ފ. ބިލެއްދޫއަށެވެ. އެއީ، 30.2 މިލިމީޓަރުގެ ވާރޭއެވެ.