އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ ޖެފް ބެޒޮސްގެ ހިއްސާ އޮންނަ ކުންފުންޏަކުން ލިވަޕޫލްގެ ތިންބައިކުޅަ އެއްބައިގެ ހިއްސާ ގަނެފިއެވެ.
އެމޭޒަންގެ ވެރިޔާ އަދި ދުނިޔޭގެ ހަތަރުވަނައަށް އެންމެ މުއްސަނދި މީހާގެ ގޮތުގައި ހުރި ޖެފް ބެޒޮސްގެ އިތުރުން 1982 ހޯލްޑިންގްސްގައި ދެން ހިމެނެނީ އިންޑިޔާ ދަރިކޮޅަށް ނިސްބަތްވާ އިނގިރޭސިވިލާތުގެ މިލިއަނަރ އަމިތް ބަޓިޔާގެ އިތުރުން ފޭސްބުކްގެ ކޯ ފައުންޑާރ އެޑުއާޑޯ ސަވެރިންނެވެ.
ލިވަޕޫލް ހިންގަމުން އަންނަ ފެންވޭ ސްޕޯޓްސް ގްރޫޕް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ 1892 ހޯލްޑިވްސް އަށް އެކުންފުނީގެ ހިއްސާ ވިއްކާލުމަށް އެއްބަސްވެ އެކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ލިވަޕޫލްގެ ބޯޑުގައި ޖެފް ބެޒޯސް ނުހިމެނުނު ނަމަވެސް އަމިތް ބަޓިއާ އެ ކްލަބުގެ ވައިސް ޗެއަރމަން ކަމުގެ މަގާމަށް އައްޔަން ކުރެވޭނެއެވެ. މަޝްހޫރު ބިލިއަނަރ ލަކްޝްމީ މިއްޓަލްގެ ދަނބި ދަރިއެއް ކަމުގައިވާ ބަޓިއާ ވަނީ މީގެ ކުރިން ޕްރިމިއާ ލީގުގެ ކްލަބް ކުއީންސް ޕާކް ރޭންޖަރސްގެ ޑިރެކްޓަރ އަދި ކޯ-އޯނަރެއްގެ ގޮތުގައި މީގެ ކުރިން 18 އަހަރު މަސައްކަތް ކޮށްފައެވެ.
ލިވަޕޫލްގެ ހިއްސާ މުއްސަނދިން ތަކަކަށް ވިއްކާލިނަމަވެސް މިހާރު ކުރިއަށްދާ ޓްރާންސްފަރ ބާޒާރުގައި އިތުރު އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ނުވަތަ ބޮޑު އަގުގައި އިތުރު ކުޅުންތެރިން އަލަށް ހޯދުމުގެ ވިސްނުމެއް ނެތް ކަމަށްވެސް އެ ކްލަބުން ވަނީ ބުނެފައެވެ.
ލިވަޕޫލްގެ ކުޑަ ހިއްސާއެއް ބެޒޯސްގެ ކުންފުނިން މި ވަގުތު ގަތް ނަމަވެސް ކުރިއަށް އޮތް ތަނުގައި ހިއްސާ އިތުރު ކުރުމުގެ ފުރުސަތު އެފަރާތަށްވަނީ ލިބިފައެވެ. އެހެންކަމުން ރިޕޯޓްތައް ބުނާ ގޮތުގައި ކުރިއަށް އޮތް ކައިރި މުސްތަގުބަލެއްގައި ލިވަޕޫލްގެ މެޖޯރިޓީ ހިއްސާ އެ ކުންފުނިން ގަންނާނެއެވެ.