ޚަބަރު

"އައްޑޫއަކީ ތަނަވަސް ތަނަކަށް ހެދުމަށް މަސައްކަތްތަކެއް ދަނީ ކުރަމުން"


  • ސިޓީތަކުގައި ޓަރޝަރީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތްއެކި މަރުހަލާގައި ކުރިއަށްއެބަދޭ

އައްޑޫއަކީ ވިޔަފާރިއާއި ވަޒީފާގެ ގޮތުން ތަނަވަސްތަނަކަށް ހެދުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑްގައި، "ރާއްޖޭގެ އުމްރާނީ ތަރައްޤީ" އާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އައްޑޫސިޓީއަކީ މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ސިޓީކަމަށްވުމާއެކު، އެސިޓީގެ ތަރައްޤީއަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިވަގުތު އައްޑޫސިޓީއަށް އެންމެ ބޮޑަށް ބޭނުންވަނީ، އައްޑޫސިޓީގެ ވަޒީފާގެ ފުރުސަތު އިތުރުވާނެ ކަންކަމާއި، ކަރަންޓުގެ މައްސަލަ ހައްލުވުންކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އައްޑޫގެ ކުދިވިޔަފާރިވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުން ލިބޭނެކަންކަން ކޮށްދިނުމަށް މަސައްކަތްކުރައްވަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އައްޑޫއަކީ މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަތަނަކަށް ހެދުމަށް 3 އަހަރު ދުވަހުގެ މަޝްރޫޢެއް އަންނަ އަހަރު ފަށާނެކަމަށް މި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވިއެވެ. "ދަ ޕަލްސް" ޕްރޮގްރާމްގައި ރައީސް ވަނީ އެކަމުގެ ތަފްސީލްތައް ހިއްސާކުރައްވާފައެވެ.

"3 އަހަރު ދުވަހަށް ބިމު ކުލި ނުވަތަ ސަރުކާރަށް ދައްކަން ޖެހޭ ފީތަކުން ލުއި ދިނުން ފަދަ ކަންކަން ކުރާނެ މި މަޝްރޫޢުގެ ދަށުން. އަދި އައްޑޫއަކީ ވިޔަފާރިއަށް ޚާއްސަ ސަރަހައްދަކަށް ހެދުމަށް މަސައްކަތް ފެށޭނެ. ހަންކެޑެ ޕްރޮޖެކްޓާއެކު ޓުއަރިޒަމް ދާއިރާއަށް ވެސް ފަހި ފުރުސަތުތަކެއް ލިބޭނެ. އިރާދަކުރެއްވިއްޔާ އަމަލީ ގޮތުން އެކަންކަން ފެންނާނެ ވަރަށް އަވަހަށް." ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން އައްޑޫހިމެނޭހެން ސިޓީތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް އެޅުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ. ޓަރޝަރީ ހޮސްޕިޓަލްތަކުގެ ތެރެއިން ބައެއް ހޮސްޕިޓަލްތަކަކީ ބޭރުގެ ފަންޑުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުތަކަށްވުމާއެކު، ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްކަތްތައް ކުރަމުން އަންނަކަަމަށް ރައީސް ވިދާޅުވިއެވެ.

"ބައެއް މަޝްރޫޢުތަކަކީ ބޭރުގެ ފަންޑާއި ގުޅިފައިވާ މަޝްރޫޢުތައް. މިސާލަކަށް ފުވައްމުލަކު ހޮސްޕިޓަލަކީ ބޭރު ފަންޑަކަށް ކަނޑައަޅާފައިވާ މަޝްރޫޢެއް. އެހެންވީމަ އެ ޕްރޮސެސް އެބަ ކުރިއަށް ހިނގާ." ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސްވަނީ އެކި ސިޓީތަކުގެ މަޝްރޫޢުތަކުގެ އަދާހަމަތައް ހިއްސާކުރައްވާފައެވެ. އެގޮތުން، ތިނަދޫ އެއަރޕޯޓުގެ މަޝްރޫޢަކީ އެއަތޮޅަށްޓަކާ އެ މަނިކުފާނު ވެވަޑައިގެންފައިވާ އެންމެ މުހިންމު އެއްވައުދުކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، އެ މަޝްރޫޢު ވަރަށް އަވަހަށް ފެށޭނެކަމަށެވެ.

މީގެއިތުރުން، ކުޅުދުއްފުށީ ސިޓީގައި އެންމެ އިސްކަންދެއްވަނީ ހައުސިން މަޝްރޫޢަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި ސަރުކާރު ވެރިކަމަށް އައިއިރު އެ ސިޓީގެ 400 ހައުސިން ޕްރޮޖެކްޓުގެ މަސައްކަތްހުރީ ހުއްޓިފައިކަމަށާއި އެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، އިތުރު 2000 ހައުސިން ޔުނިޓު ޤާއިމްކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގައި އެންމެ މުހިންމު މަސައްކަތަކީ ބަނދަރުގެ މަސައްކަތްކަމަށާއި، އެ މަސައްކަތް މިހާރު ފަށާފައިވާކަމަށްވެސް ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ތަރައްްޤީގެ މަޝްރޫޢުތައް ކުރިއަށްދާކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.