ޚަބަރު

ނޭޕާލުގައި ފެންބޮޑުވުން: ކުޅިއެއް ބަންޑުންވެ، އިތުރު ކާރިސާއެއްގެ ބިރު


ނޭޕާލާއި ޗައިނާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ޓިބެޓުގެ ޤުދުރަތީ ގަނޑުފެންގަނޑެއްގެ ބައެއް ނެއްޓި، އެ ގަނޑުފެންގަނޑު އެތައް ސަތޭކަ މީޓަރު ތިރީގައި އޮތް ވާދީއަކަށް ވެއްޓުމުގެ ސަބަބުން ފެންބޮޑުވެފައިވާ ސަރަޙައްދުގައި އޮތް ބޮޑު ކުޅިއެއްގެ އައްސޭރިފަށް ކަނޑައިގެންގޮސް، ފެންގަނޑު އިތުރަށް ބޮޑުވަމުންދާކަމުގެ އިންޒާރު ދީފިއެވެ.

ނޭޕާލާއި ޗައިނާ ގުޅޭ ސަރަޙައްދަށް ކުއްލިގޮތަކަށް ކުރިމަތިވި މި ފެންބޮޑުވުމުގެ ހާދިސާއަށް ދެ ދުވަސް ވެފައިވަނިކޮށް، މި ކުޅީގެ އައްސޭރިފަށް ކަނޑައިގެންގޮސް، ފެންގަނޑު ބަންޑުންވެދާނެ ކަމުގެ އިންޒާރު ދެ ޤައުމުން ވެސް މީގެ ކުރިން އޮތީ ދީފައެވެ.

ނޭޕާލްގެ ރަސުވާ ޑިސްޓްރިކްޓުގެ އިސް މަސްޢޫލުވެރިޔާ ނަރެންދުރަ ޕަރިޔާރު ވިދާޅުވީ ފެންގަނޑު އުފުލެމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި، ނަމަވެސް މިވަގުތު ފެންގަނޑު އުފުލިފައިވަނީ ކިހާ މިންވަރަކަށް ކަން އަދި ސާފުނުވާ ކަމަށެވެ.

މި ނުރައްކާތެރި ޙާލަތާ ގުޅިގެން، ކުރިއަށް އޮތް ވަގުތުތަކަށް މީހުން ސަލާމަތްކުރުމާއި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް މެދުކަނޑާލާފައިވާ ކަމަށް ނޭޕާލްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މަންޒަރު ދުށް ފަރާތްތަކުން ރޮއިޓަރސް ނޫހަށް ބުނި ގޮތުގައި، ފެންބޮޑުވެފައިވާ އަވަށުގައި ހެލިކޮޕްޓަރު ބޭނުންކޮށްގެން ހިންގަމުންދިޔަ ސަލާމަތީ އޮޕަރޭޝަންތައް ހުއްޓާލުމާ އެކު، އާންމުން ދަނީ ރައްކާތެރިކަން ހޯދުމަށް ފަރުބަދަމަތީގެ އުސް ސަރަޙައްދުތަކަށް އަރަމުންނެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ ސީސީޓީވީން ވެސް ވަނީ ގީރޮންގް ބޯޑަރު ޕޯޓުގެ މަތީގައި އުފެދިފައިވާ ކުޅީގެ ފެންގަނޑު ބޭރުވާން ފަށާފައިވާ ކަމުގެ އިންޒާރު ދީފައެވެ. ޗައިނާގެ ސަލާމަތީ ޓީމަކުން މިދިޔަ ބުރާސްފަތި ދުވަހު ނަގާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ފެންގަނޑު ބޭރުވާނެ މަގެއް ނެތި، މުށިކުލައިގެ ފެންގަނޑެއް ވަނީ އެއްވެފައެވެ. އަދި ކުނިބުންޏާއި ގަސްގަހާ ގެހިން ފުރިފައިވާ އެ ކުޅީގެ ފެންގަނޑު މަޑުމަޑުން އުފެލެމުންދާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

މި ކުޅީގެ އައްސޭރިފަށް ކަނޑައިގެންގޮސް، ފެންގަނޑު ބަންޑުވުމުގެ ދެވަނަ ކާރިސާއެއް ހިނގުމުގެ ފުރުޞަތު ބޮޑުވުމާ ގުޅިގެން، ނޭޕާލުގެ ތިރި ސަރަޙައްދުތަކުގައި ތިބި މީހުން އުސް ސަރަޙައްދުތަކަށް ބަދަލުވުމަށް ވަނީ އަންގާފައެވެ. އަދި ޗައިނާ ސަރަޙައްދުގައި ތިބި ހުރިހާ އޮފިޝަލުންނާއި އުޅަނދުތައް ވެސް މިހާރު ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފައެވެ.

ބުދަ ދުވަހު ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ނޭޕާލާއި ޓިބެޓްގެ ސަރަޙައްދީ ރޮނގު ކައިރީގައި މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 469 އަށް އަރައިފައެވެ. އަދި 1000 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.