ވިޔަފާރި

އަލަށް ގެނައި ސީޕްލޭންގެ ޚިދުމަތް ވަރަށް އަވަހަށް ފަށާނެ


އައިލެންޑް އޭވިއޭޝަނުން އަލަށް ގެނައި ސީޕްލޭން ދިހަވަރަކަށް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ނެރޭނޭކަމަށް އެކުންފުނިން ބުނެފިއެވެ.

އައިލެންޑް އޭވިއޭޝަނުން އަލަށް ގެނައި ސީޕްލޭނާ ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ، ދިހަ ދުވަހުގެ ތެރޭގައި ބޯޓް އޮޕަރޭޝަނަށް ނެރުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށެވެ. އައިލެންޑް އޭވިއޭޝަނުގެ ހިދުމަތްތަކުގައި ބޭނުން ކުރުމަށް އާ ސީޕްލޭނެއް ގެނެސްފައިވާއިރު، މިއީ އެކުންފުނިން ގެނައި ދިހަވަނަ ސީޕްލޭނެވެ. މި ސީޕްލޭން ގެނެސްފައިވަނީ ކެނެޑާއިން މިދިޔަ އަންގާރަދުވަހުއެވެ. އައިލެންޑް އޭވިއޭޝަނުން މިފަހަރުވެސް ގެނެސްފައިވަނީ ޓްވިން އޮޓަރ މަރުކާގެ ސީޕްލޭނެކެވެ. 

އައިލެންޑް އޭވިއޭޝަނުން އަންނަނީ ރާއްޖޭގެ ހަ ރިސޯޓަކަށް ސީ ޕްލޭންގެ ޚިދުމަތް ދެމުންނެވެ. އަދި ދުވާލެއްގެ މައްޗަށް ފަނަރައަށްވުރެ ގިނަ ދަތުރު ސީ ޕްލޭންތަކުން ކުރަމުންއަންނަކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެއެވެ.

އެކުންފުނީގެ އަމާޒަކީ ވީހާވެސް ގިނަ ރިސޯޓްތަކަށް ސީ ޕްލޭންގެ ޚިދުމަތް ފުޅާކުރުންކަމަށް އެކުންފުނިން ފާހަގަކުރިއެވެ.