އެމެރިކާގެ މޭޖަރ ލީގު ސޮކަރގެ އެންމެ ފަހުގެ ޗެމްޕިއަން އިންޓަރ މައާމީ މެޗަކުން މޮޅުނުވާތާ 5 މެޗަށްފަހު ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެއްޖެއެވެ.
މައާމީގެ ނޫ ސްޓޭޑިއަމްގައި ކުޅުނު މެޗުން އެޓީމު މޮޅުވެފައިވަނީ ސީއެފް މޮންޓްރިއާލް އާއި ބައްދަލުކޮށް 7 ލަނޑު އެއް ލަނޑުގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. އިންޓަރ މައާމީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް އެޓީމުންނެވެ.
މިމެޗުގައި މައާމީގެ ކެޕްޓަން ލިއޮނެލް މެސީ ވަނީ އެޓީމަށް 4 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ފީފާ ވޯލްޑް ކަޕަށްފަހު މެސީ އެނބުރި މައާމީއާއި ގުޅުނު ފަހުން އެޓީމުން އެންމެ ފަހުން ކުޅުނު 7 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ނަމަވެސް މިމެޗު މައާމީއިން ކާމިޔާބު ކުރިއިރު މެސީގެ ފަރަތުންވަނީ އާންމުކޮށް އޭނާގެ ފަރާތުން ފެންނަ މޮޅު ކުޅުން ފެނިގެން ގޮސްފައެވެ.
މިމެޗުގައި މައާމީއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެޓީމާއި މިސީޒަންގައި ގުޅުނު ބްރެޒިލްގެ ތަޖްރިބާކާރު ކުޅުންތެރިޔާ ކަސެމީރޯއެވެ. ނަމަވެސް މިމެޗުގެ 37 ވަނަ މިނެޓުގައި މޮންޓްރިއާލްގެ ފަބިއަން ބަރބަރސް ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ވެގެންދިޔައެވެ.
މިމެޗުގައި މައާމީއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 40 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މެސީ ޖަހައިދިން ލަނޑުންނެވެ. އަދި މެޗުގެ 52 ވަނަ މިނެޓުގައި މެސީވަނީ މައާމީގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މަޢާމީގެ 4 ވަނަ ލަނޑު މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާފައިވަނީ ލުއިސް ސުވަރޭޒްއެވެ. އަދި މިލަނޑު ޖެހިތާ 3 މިނެޓް ފަހުން މެސީވަނީ މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
މައާމީގެ 6 ވަނަ ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ އެލެގްޒެންޑަރ ޝޯ ކާމިޔާބު ކޮށްދިން އިރު އެޓީމުގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ 6 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން އަނެއްކާވެސް ކާމިޔާބު ކޮށްދީފައިވަނީ މެސީއެވެ.
މިއީ އެމްއެލްއެސްގެ މެޗެއްގައި މެސީ 4 ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. އަދި އޭނާގެ ފަނޑުވުމެއް ނެތް ކެރިއަރުގައި 4 ލަނޑު ނުވަތަ އެއަށް ވުރެ ގިނައިން މެޗެއްގައި ކާމިޔާބު ކުރި 9 ވަނަ ފަހަރެވެ. އަދި މިއީ މިފަހަރު ލީގުގައި އޭނާ ކާމިޔާބު ކުރި 18 ވަނަ ލަނޑެވެ. މިއާއެކު މެސީ މިހާރުވަނީ ލަނޑު ތާވަލްގެ އެއްވަނައިގާ އުޅޭ އެފްސީ ޑެލަސްގެ ޕީޓަރ މޫސާއަށް ވުރެ ކުރިއަށް ޖެހިލާފައެވެ.
މިކާމިޔާބީ އާއެކު އިންޓަރ މައާމީ އުޅެނީ އީސްޓަން ކޮންފަރެންސްގެ ތާވަލްގެ ދެވަނައިގައެވެ. އެއީ އެއްވަނައިގާ އުޅޭ ނާޝްވިލް އެސްސީ އަށް ވުރެ 10 ޕޮއިންޓް ފަހަތުންނެވެ. މިމުބާރާތުގައި ނާޝްވިލް އާއި ސިންސިނާޓީ ބައްދަލުކުރި މެޗު 4 ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ނޭޝްވިލްއެވެ.
ހަތަރު ވަނައިގާ އުޅޭ ޗާލޮޓް އެފްސީ އާއި އެޓްލާންޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު 2 ލަނޑު ސުން ލަނޑުން ޗާލޮޓް ކާމިޔާބު ކުރިއިރު ހަތް ވަނައިގާ އުޅޭ ނިއުޔޯކް ސިޓީ އެފްސީ އާއި ޓޮރޮންޓޯ ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުންވީ އެއްވަރެވެ.
މިލީގުގެ ވެސްޓަން ކޮންފަރެންސްއަށް ބަލާލާއިރު ތާވަލްގެ އެއްވަނައިޣާ އުޅޭ ވެންކޫވަރ ވައިޓްކެޕްސް އާއި ސްޕޯޓިންގ ކޭސީ ބައްދަލުކުރި މެޗު 3 ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ވައިޓްކެޕްސްއެވެ. އަދި ދެވަނައިގާ އުޅޭ ހިއުސްޓަން ޑައިނަމޯ އާއި ހަތަރު ވަނައިގާ އުޅޭ އެސްޖޭ އަރތުކުއޭކްސް ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.