ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގައި ޗީފް އިލެކްޓްރިކަލް އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އިސްމާއިލް ނިޝާރަކީ އިންޖިނިއަރިން ދާއިރާގައި 9 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. ޝައުގުވެރިކަމާއެކު ނިޝާރު ފެށި ދަތުރު ނިމިގެންދިޔައީ ގައުމުގެ އެންމެ ބޮޑު އެއް ޔުޓިލިޓީ ކުންފުނީގެ މުހިންމު މަޤާމަކަށެވެ.
އެންމެ ކުޑައިރުއްސުރެވެސް ތަކެތި ރޫޅައި ހެދުމަށް ޝައުގުވެރިކަން ހުރި ނިޝާރުގެ ހަޔާތުގައި ވަރަށް ނުރައްކާތެރި ހާދިސާތައްވެސް ވަނީ ހިނގާފައެވެ. ގޭގައި އޮތް ރޭޑިއޯއެއް ފެންއެއްޗަކަށް ލައި، މެއިން ޑީބޯޑު ސޮކެޓަކަށް ޖަހައި އޮންކުރަން އުޅެނިކޮށް މަންމައަށް ފެނިގެން ސަލާމަތްވި ހާދިސާއާއި، އާދައިގެ ކަތުރަކުން ކަރަންޓު ވަޔަރެއް ބުރިކޮށްލުމުން ބަޑިޖަހައިގެން ދިޔަ ހާދިސާ މީގެ ތެރޭގައި ހިމެނެއެވެ.
"މަންމައަށް ފެނުނީމަ އަސްލު ސަލާމަތްވީވެސް. އެގޮތަށް ވަރަށް ގިނަ ކަންތައްތައް އެބަހުރި ވެފަ. ކުޑައިރު އެއްދުވަހަކު ހަމަ ވަޔަރެއް އާދައިގެ ކަތުރަކުންވެސް ބުރިކޮށްލިން. ބުރިކޮށްލިތަނާ ހަމަ އެތަނުން ބަޑިޖަހައިގެން އައީ. މިކަހަލަ ކަންތައްތައް ވަންފެށީމަ ދެން މަންމަ ހިތަށް އަރައިފި ދަސްކޮށްދެންވެއްޖެޔޭ އަސްލު މިއީ ކިހިނެއްތާ އެއްޗެއްކަން. ދެން އެހެންގޮސް ކިޔަވަމުން ގޮސް އޭ ލެވެލް ނިންމާފަ މި ދާއިރާ އިތުރަށް ކިޔަވަންވެގެން ލަންކާއަށް ގޮސް ކިޔެވީ." ނިޝާރު ބުންޏެވެ.
އޭރު ލަންކާގައި ކިޔެވިއިރު އިންޖީނުތައް ފެންނަން ނެތުމުން، ހުރިހާ އެއްޗެއްވެސް ފޮތުން ކިޔަވަންޖެހުން ކަމަށް ނިޝާރު ބުންޏެވެ. ނަމަވެސް ކިޔަވައި ނިމިގެން ސްޓެލްކޯގެ އިންޖީނުގެއަށް ވަދެ، އެތަނުގެ ހޫނުކަމާއި އަޑުގަދަކަން ތަޖުރިބާކޮށް، އަމަލީ ގޮތުން ވަޔަރުތަކާއި އިންޖީނުތަކުގެ މަސައްކަތް ކުރަން ފެށުމުން މި ދާއިރާއަށް ހުރި ޝައުގުވެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔަކަން ނިޝާރު ފާހަގަކުރިއެވެ.
"އޭރު އިންޖިނިއަރިން ދަސްކޮށްފަ އައިސްފައި ސްޓެލްކޯގައި މަސައްކަތް ކުރި ފުރަތަމަ ދުވަހުވެސް އިންޖީނުގެއަށް ވަނުމުގެކުރިން ޓީމުގަ ހުރި މީހަކު ބުނިދޯ ބޭނުންވޭހޭ ގިއާތައް. އަޅުގަނޑު ހިތަށްއެރި އަސްލު ކީއްކުރަންބާއޭ މިމީހުން މިއުޅެނީ. ދެން އަޅުގަނޑު ބުނެލިން ހިންގާށޭދޯ ވަދެލަން. ދެން ވަނީމަ އެނގުނު އަޑުގަދަކަން، އަދި ހޫނުވެސް ގަދަކަން. އެދުވަހު އަސްލު އިނގުނު ޕްރެކްޓިކަލް މިކިޔަނީ ކޯއްޗަކަށްކަން. ކިޔެވި އެއްޗިއްސާއި، ޕްރެކްޓިކަލް އެއްކޮށްލެވުނީމަ އަސްލު މިއެނގުނީ ކިހާވަރެއްގެ ކަމެއްކަން މިއީ." ނިޝާރު ކިޔައިދިނެވެ.
އިލެކްޓްރިކަލް އިންޖިނިއަރިންގެ ތެރެއިން ޕަވަރ ޖެނެރޭޝަން އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ނިޝާރު މިހާރު ހުންނެވީ ހުޅުމާލެ ޕަވަރ ޖެނެރޭޝަން ޑިޕާޓްމެންޓުގެ އިލެކްޓްރިކަލް ޔުނިޓުގައެވެ. އޭނާގެ މައިގަނޑު މަސްއޫލިއްޔަތަކީ މާލެއާއި ހުޅުމާލެއަށް ބޭނުންވާ ކަރަންޓު މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި ޓީމާއެކު އިންޖީނުތައް އަބަދުވެސް ތައްޔާރީ ހާލަތުގައި ބެހެއްޓުމެވެ.
"މި މަސައްކަތުގައި އުޅޭއިރުވެސް އެންމެ ހިތްހަމަޖެހެނީ އަސްލު ދިމާވާ މައްސަލަތައް ހައްލުކުރެވުނީމަ. އެއީ ވަރަށް ބޮޑު މައްސަލައެއް އަދި ކިތަންމެ ކުޑަ މައްސަލައެއްވެސް ވިޔަސް އޭގެން ލިބޭ ސެޓިސްފެކްޝަން ވަރަށް ބޮޑު. ދެން މައިގަނޑު ގޮތެއްގައި ވަރަށް ގިނަ ކަންތައްތަކުގައި އުޅުނު އިރުވެސް އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ކަންތައްތަަކަކީ ހުޅުމާލޭގެ 50 މެގަވޮޓު އިންޖީނުގޭގެ މަސައްކަތްތައް ކުރުމާއި، ދެން އަދި މާލެ ހުޅުމާލެ ގުޅުވާލަދޭ ވިއުގައިގެ މަސައްކަތަކީވެސް ފާހަގަކޮށްލެވޭ ކަމެއް." މިހާރު ކުރަމުންދާ މަސައްކަތްތައް ހިއްސާކުރަމުން ނިޝާރު ކިޔައިދިނެވެ.
ނިޝާރު ޤަބޫލުކުރާ ގޮތުގައި އިންޖިނިއަރިން ދާއިރާއަކީ ވަރަށް ގިނަ ފުރުޞަތުތަކެއް އޮތް އަދި އެހާމެ ރިވޯޑިންގ ދާއިރާއެކެވެ. އަދި ޒުވާނުން މި ދާއިރާއަށް ނުކުތުމަށް ހިތްވަރުދީ، މި ދާއިރާއިން ކުރާ މަސައްކަތްތައް ސަރުކާރުން ބަލައިގަނެ، އެވޯޑު ދިނުމަށް ނިންމުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ނިޝާރު ބުންޏެވެ.