ލިވަޕޫލްގެ ފޯވަޑް ކޯޑީ ގަޕޯ ވިއްކާލުމާ ކެޕްޓަން ވާޖިލް ވެންޑައިކް ދެކޮޅު ހަދައިފި އެވެ.
ގަޕޯ ގަތުމަށް މަސައްކަތް ކުރަމުންދަނީ ވާދަވެރި މެންޗެސްޓާ ސިޓީންނެވެ. އެ ކުލަބުން ވަނީ ނެދަލޭންޑްސްގެ ފޯވަޑް ގަތުމަށް 115 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ. ނަމަވެސް މިކަމާމެދު ލިވަޕޫލުން އަދި ވަކި ގޮތެއް ނުނިންމަ އެވެ. ނަމަވެސް އިނގިރޭސި މީޑިޔާތަކުން ބުނަނީ ލިވަޕޫލުގައި ކުރިމަގު ނެތް ކަމަށް ގަބޫލުކޮށް ސިޓީ އަށް ބަދަލުވާން ގަޕޯ މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ނަމަވެސް ގަޕޯ ލިވަޕޫލަށް ގެނައުމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ވެންޑައިކް މި ބަދަލާމެދު ހިތްހަމަ ނުޖެހުން ފާޅު ކުރީ އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ނޮޓެންހަމް ފޮރެސްޓާ އެއްވަރުވި މެޗަށް ފަހު އެވެ.
"ގަޕޯ ލިވަޕޫލުން ދާކަށް އަހަރެން ބޭނުމެއް ނޫން. ސަބަބަކީ އޭނާ އަކީ މޮޅު ކުޅުންތެރިއަކަށްވާތީވެ. މޮޅު ކުޅުންތެރިން މި ޓީމުގައި ތިބެން އެބަޖެހޭ. ދެން އޭނާ އަކީ އަހަރެންގެ ރަހުމަތްތެރިއަކަށްވާތީ ވެސް އޭނާ ދާން އަހަރެން ބޭނުމެއް ނޫން،" ވެންޑައިކް ބުންޏެވެ.
ލިވަޕޫލުން ވަނީ ޕީއެސްޖީގެ ބްރެޑްލީ ބާކޯލާ ވެސް ގަނެފަ އެވެ. މިހެންވެ އަރިމަތިން ކުރިއަށް ކުޅެން ގަޕޯ އަށް ލިބޭ ފުރުސަތު މަދުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް ވެންޑައިކް ބުނީ ޓީމުގައި މޮޅު ކުޅުންތެރިން ގިނައިން ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.
"ބާކޯލާ އަކީ ވެސް މޮޅު ކުޅުންތެރިއެއް. އޭނާ އައުމުން އަހަރުމެން ޓީމު ވަރުގަދަވާނެ. އަދި ގަޕޯ ހުރެފިނަމަ މޮޅު ކުޅުންތެރިން ތިބޭނެ. މޮޅު ކުޅުންތެރިން ގިނައިން ތިބުމަކީ ކާމިޔާބީއާ ހަމައަށްދާން ލިބޭ ބާރެއް،" ވެންޑައިކް ބުންޏެވެ.
ލިވަޕޫލް މި ސީޒަނުގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ވަނީ އެއްވަރުވެފަ އެވެ.