ގަލޮޅު ފުޓްސަލް ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމެންޓް ކޯޕްރޭޝަން ލިމިޓެޑް، އާރުޑީސީއާ ހަވާލުކޮށްފިއެވެ.
މިމަޝްރޫއު އާރުޑީސީއާ ހަވާލުކޮށްފައިވަނީ، މިކަމަށްޓަކައި ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވުޒާރާގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ސޮއިކުރައްވާފައިވާއިރު، އާރުޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމްއެވެ.
މި އެއްބަސްވުމުގެ ދަށުން އާރުޑީސީން، ގަލޮޅު ފުޓްސަލް ދަނޑުގެ މަސައްކަތް ފަށާތާ 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. މި މަޝްރޫޢަކީ، ދައުލަތުގެ ބަޖެޓުން އެއްމިލިއަން ފަސްލައްކަ އެކާވީސްހާސް ދުއިސައްތަ އަށްޑިހަ ތިން ރުފިޔާ ފަސްދޮޅަސް ލާރި ޚަރަދު ކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ގަލޮޅު ފުޓްސަލް ދަނޑު ތަރައްޤީ ކުރުމަށް ނިންމާފައިވަނީ، ގާކޮށި ފްލެޓާއި އިންވެގެން އޮންނަ ހުސްބިމުގައެވެ.