މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކޮށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިތަރީ އޮތޯރިޓީން ނެރުއްވާފައިވާ ހުސްވި އޮކްޓޯބަރ މަހުގެ އިޤްތިޞާދީ މުރާޖަޢާ ރިޕޯޓްގައި ވިދާޅުވެފައިވަނީ، މިއަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖޭގެ ކުންފުނިތަކުން މަސްކިރުވި އަދަދު އިތުރުވެފައިވާކަމަށެވެ. މި ރިޕޯޓަށް ބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖޭގެ ކުންފުނިތަކުންވަނީ ދެހާސް ފަސްސަތޭކަ ތިނެއް ޕޮއިންޓް ތިނެއް މެޓްރިކް ޓަނުގެ މަސް ކިރުވާފައެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހާ އަޅާބަލާއިރު، އެކާވީސް އިންސައްތައިގެ ކުރިއެރުމެކެވެ.
ސެޕްޓެމްބަރު މަހު ރާއްޖޭގެ ކުންފުނިތަކުން ކިރުވި މަހުގެ އަދަދު އިތުރުވެ، މަސްވެރިކަން ރަނގަޅުވަމުން އައިސްފައިވާއިރު، ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސް.ޓީ.އޯއިން ވަނީ މިމަހުގެ އެއްވަނަ ދުވަހު މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފައެވެ. އެސް.ޓީ.އޯއިން ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް ވިއްކާ ޑީސަލް، ލީޓަރަކުން ސާޅީސް ލާރި ހެޔޮކުރައްވާފައެވެ. އެސް.ޓީ.އޯއިން ޑީސަލް އަގުހެޔޮކުރުމުގެ ކުރިން މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކަމުން ގޮސްފައިވަނީ އަށް ރުފިޔާ ސާޅީސް ލާރިއަށް. ތެލުގެ އަގަށް ގެނައި މި ބަދަލާއިއެކު މަސްވެރިންނަށް މިހާރު ޑީސަލް ލީޓަރެއް އަށްރުފިޔާއަށް ގަންނަން ލިބޭނޭކަމަށް އެސް.ޓީއޯ.އިން ބުނެއެވެ.
img:http://s4.psmnews.mv/images/660x400/4852.jpg|ދިވެހި މަސްވެރިންތަކެއް މަސް ބާނަނީ- ފޮޓޯ: ޕީއެސްއެމް
މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ޙައްލުކުރުމަށް އެސް.ޓީ.އޯއިން މިހާރުވަނީ ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައެވެ. ޕީ.އެސް.އެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވެފައިވަނީ މަސްވެރިންގެ ކުރިއެރުމަށް އެސް.ޓީ.އޯއިން ކުރިއަށް އޮތްތަނުގައި ޚާއްޞަ މަސައްކަތްތަކެއް ކުރަމުން ގެންދާނޭކަމަށެވެ. މިގޮތުން ސަރުކާރުގެ މަސްކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރިޒް ކޮމްޕެނީ މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ދިމާވަމުންދާ އެކިއެކި މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރަމުންގެންދާނޭކަމަށް ޝަހީރުވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން މިހާރުވެސް ދަނީ މަސްވެރިންނަށް ދިމާވެފައިވާ މުހިއްމު މައްސަލަތައް ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މަސް ގަތުމުގައި މިހާރު ގެންގުޅެމުން އަންނަ އުޞޫލް މުރާޖަޢާކޮށް ވީހާވެސް ހަމަހަމަގޮތެއްގައި މަސް ގަންނަ އުޞޫލެއް ހަމަޖައްސާނޭކަމަށް މިފްކޯއިން ބުނެއެވެ. މީގެ އިތުރުން އައިސް ލިބުމުގައި މިހާރު މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަވެސް މިފްކޯއިން ބުނެެއެވެ.