މެދުއިރުމަތީގެ ހަނގުރާމަ އެތައް އަހަރަކަށް ދެމިގެން ހިނގައިދާނެ ކަމަށާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހިނގަމުންދާ ދައުރު ނިމޭ އިރު ވެސް ހަނގުރާމަ ނިމުމަކަށް ނައުން އެކަށީގެންވާ ކަމަށް ޓްރަމްޕްގެ މުޝީރުން އެމަނިކުފާނަށް ލަފާ އަރުވާފައިވާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.
އެމެރިކާއިން އީރާނަށް ކިތަންމެ ދަތިކުރި ނަމަވެސް އީރާނުން އެ ދަތިތަކާ ކުރިމަތިލައި ފަހަތަށް ނުޖެހި ކުރިއަށް ދިޔުމުގެ ފުރުޞަތު އޮތް މިންވަރާ ގުޅޭ ގޮތުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްއާއި ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ހިމެނޭ ގޮތަށް އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުން ޓްރަމްޕްއާ މަޝްވަރާކުރައްވާފައިވާ ކަމަށް ވެއެވެ. އެ ގޮތުން އެމެރިކާއިން އީރާނުގެ އުޅަނދުފަހަރު ކަނޑުމަގުން ދަތުރުނުކުރެވޭނެހެން ހުރަސް އަޅައި، ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން އެ ޤައުމާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އެޅި ނަމަވެސް އީރާނުން ފަހަތަށް ނުޖެހުން އެކަށީގެންވާ ކަމަށް ވާހަކަދައްކާފައިވެއެވެ.
ޓްރަމްޕް އަދި ވެސް ވިދާޅުވަމުން ދަނީ ވަރަށް އަވަހަށް ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށެވެ. ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި ބާއްވާ މެދު ދައުރުގެ އިންތިޚާބަށް ފަހު ވަގުތުން ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށާއި، އީރާނަށް އިތުރަށް ހިފަހައްޓާނުލެވޭނެ ކަމަށް ޓްރަމްޕް ޔަޤީންކަމާއެކު ވިދާޅުވެއެވެ. ނަމަވެސް ޓްރަމްޕްގެ މުޝީރުން އޭނާއަށް އަރުވާ ލަފާ ވަރަށް ތަފާތެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފެށުނު ހަނގުރާމަ ކުރިއަށްދާތާ ހަތް މަސް ދުވަސް ވެފައިވާއިރު، ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 18 ސިފައިން މަރުވެފައިވެއެވެ. ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އަސްކަރީ ވަޞީލަތްތަކާމެދު ވަނީ ސުވާލު އުފެދިފައެވެ. ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤްވާމީ ހަަކަތައިގެ ބާޒާރުތަކަށް ވެސް ވަނީ ބޮޑެތި ލޮޅުންތައް އައިސްފައެވެ.
އެެމެރިކާގައި ތެލުގެ އަގުތައް މި ވަގުތު އެވަރެޖުކޮށް ހުރީ 3.7 ލީޓަރު 4.22 އެމެރިކާ ޑޮލަރަކަށެވެ. ތެލުގެ އަގު މީގެ އެއް މަސް ދުވަސް ކުރިން ހުރީ 4.01 އެމެރިކާ ޑޮލަރުގައެވެ. އަދި މީގެ އަހަރެއް ކުރިން އެ ޢަދަދު ހުރީ 3.19 އެމެރިކާ ޑޮލަރުގައެވެ.
ހަނގުރާމައަށް އަވަސް ނިމުމެއް ގެނައުމަށް ބޭނުންވާ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެއެވެ. އަދި އީރާނަށް އިޤްތިޞާދީ ގޮތުން ދަތި ކުރުމަށް ތާއީދު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ. އިޤްތިޞާދީ ގޮތުން ދަތިކުރަނީ އީރާނާ ދެކޮޅަށް އަސްކަރީ ޙަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ކަމަށް އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވެފައިވެއެވެ.